logo
banner image

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 101 ކުއްޖަކަށް ޢާއިލީ ވެއްޓެއް ވަނީ ހޯދައިދެވިފައި: ރައީސް

އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފަށައިގެން ކުރިއަށްގެންދާ "ކޮންމެ ކުއްޖަކަށް ޢާއިލާއެއް" ޕްރޮގްރާމުގެ ތެރެއިން 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 101 ކުއްޖަކަށް ޢާއިލީ ވެއްޓެއް ހޯދައިދެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވެފައިވަނީ ސަރުކާރަށް 2 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، ކުޑަކުދިންނަށް އަޅާލާ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން އިސްކަމެއް ދެއްވައިގެން މަސައްކަތްކުރައްވާނެ ކަމުގައި ރައީސްވަނީ ވިދާޅުވެފައެވެ.

"ކޮންމެ ކުއްޖަކަށް ޢާއިލާއެއް" ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވައުދުފުޅެކެވެ. މި ޕްރޮގްރާމަކީ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވަރު ފުރިހަމަ ކުރުމުގެ ގޮތުން، ކޮންމެ ކުއްޖަކީ ވެސް ޢާއިލީ ވެއްޓެއްގެ ހިމާޔަތާއި، ލޯތްބާއެކު ބޮޑުވުމުގެ ފުރުޞަތު ލިބިފައިވާ ކުއްޖެއްކަން ޔަގީންކުރުމަށް ކުރިއަށްގެންދެވޭ މުހިންމު ޕްރޮގްރާމެކެވެ.

އެގޮތުން، ކުދިންގެ ރައްކައުތެރިކަމަށާއި، ދުޅަހެޔޮކަމަށާއި، ހެދިބޮޑުވުމަށް އެންމެ އެކަށީގެންވާ މާހައުލަކީ ޢާއިލީ ވެއްޓަކަށް ވުމާއެކު، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ ތެރެއިން ޢާއިލާއަށް އަނބުރާ ފޮނުވެން ނެތް ހާލަތްތަކުގައި ފޯސްޓަރ ނިޒާމުގެ ތެރެއިން އެކުދިން ވަގުތީގޮތުން ފޯސްޓަރ ކުރުމުގެ ފުރުސަތު ފަހިކުރުމަށް ފޮސްޓަރކުރުމުގެ އުސޫލުތައް ކަނޑައަޅައި، ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ގެޒެޓުކުރެވި ވަގުތީގޮތުން ކުދިން ފޮސްޓަރ ކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދެވިފައެވެ.

މީގެ އިތުރުން، ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް މާލީ އެހީގެ ގޮތުގައި މިހާރު ދެމުންގެންދާ އެލަވަންސް 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން، ގިނަ ވެގެން 4 ކުދިންނާ ހަމައަށް، ކޮންމެ ކުއްޖަކަށް 3,000 ރުފިޔާ ލިބޭނެ ގޮތް ހަމަޖެއްސުމަށް ނިންމާފައިވާ ކަމުގައި ވެސް ރައީސްވަނީ މި ރަސްމިއްޔާތުގައި ވިދާޅުވެފައެވެ. މިއާއި ގުޅޭ އިދާރީ މަސައްކަތްތައް މިހާރު އަންނަނީ ކުރެވެމުންނެވެ.