logo
banner image

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް 104 ހަފްތާ ފުރުން ފާހަގަ ކުރެވިގެންދާއިރު، އެމަނިކުފާނުގެ ޤައުމީ ޚިދުމަތުގެ ދަތުރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތަކެއް ވަނީ ފައްޓަވާ އަދި ގިނަ މަޝްރޫއުތައް ކާމިޔާބީއާއެކު ނިންމަވާ ދެއްވާފައެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް 104 ހަފްތާ ވެގެންދާއިރު މިމިނިސްޓްރީގެ މުވައްޒަފުން މެދުނުކެނޑި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކުގެ ސަބަބުން، ދިވެހި ރައްޔިތުންނަށް އަސާސީ ޚިދުމަތްތަކުގެ ޔަގީންކަން ވަނީ އިތުރުވެގެން ގޮއްސައެވެ.

މި ކާމިޔާބީތަކުގެ ފަހަތުގައިވާ މޭސްތިރިއަކީ، މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްގެ ހަރުދަނާ އިރުޝާދުކަން މިނިސްޓްރީން އަބަދުވެސް ފާހަގަކުރެއެވެ. އެމަނިކުފާނު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅާއި، ދުރު ރާސްތާގެ ތަސައްވުރެއްގައި މަސައްކަތްޕުޅު ކުރިއަށް ގެންދެވުމުގެ ނަތީޖާއަކަށް ވެގެންގޮސްފައިވަނީ މިޙިދުމަތްތައް ރައްޔިތުންނަށް އެންމެ އަވަސް ދުވެލީގައި ފޯރުކޮއްދެވިގެންދިއުންކަން ޔަޤީނެވެ.

މި 104 ހަފްތާގެ ތެރޭގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތުގައި މިނިސްޓްރީން ވަނީ ހީނުކުރާ ފަދަ ބާރުމިނެއްގައި މަސައްކަތްކޮށްފައެވެ. މިގޮތުން ރާއްޖޭގެ 43 ރަށެއްގައި މިހާރު ވަނީ ސާފު ބޯފެނުގެ ޚިދުމަތް ޤާއިމްކުރެވި، އެ ރަށްރަށުގެ ރައްޔިތުންނަށް ބަރޯސާވެވޭ ފަދަ ފެނުގެ ނިޒާމެއް ލިބިގެންގޮސްފައެވެ. މީގެއިތުރުން 5 ރަށެއްގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރުންނާއި ހަވާލުކޮށް، މަސައްކަތް ފެށުމުގެ ތައްޔާރީތައް ވަނީ ފުރިހަމަކުރެވިފައެވެ. މިއީ ކުރިއަށް އޮތްތަނުގައި އިތުރަށް ގިނަ ރަށްރަށަށް ފެނުގެ ޚިދުމަތް ފުޅާވެގެންދާނެ ކަމުގެ ހެކިކަން މިނިސްޓްރީން ފާހަގަކުރެއެވެ.

މި ކާމިޔާބީތަކަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ލިބިދިނުމަށް ދެއްވާ ސަމާލުކަމާއި، މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްގެ އިރުޝާދުގެ ދަށުން މިނިސްޓްރީގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާއެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ދަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދެމެހެއްޓެނިވި ތަރައްޤީއެއް ހޯދައިދިނުމަށްޓަކައި ބާރު ދުވެލީގައި އަބަދުވެސް މަސައްކަތް ކުރަމުންނެވެ.