logo
banner image

"ވިލުންތެރި ރާއްޖެ" އަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށްގެންދިއަ "ކުރިމަގު ސައްލާ" ހުރިހާ ރަށެއްގައި ބާއްވައި ނިންމާލައިފި

ކުރިއަށް އޮތް 20 އަހަރަށް އެކުލަވައިލާ، ޤައުމީ ތަރައްޤީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045" އަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށްގެންދާ "ކުރިމަގު ސައްލާ" ގެ ބައްދަލުވުންތައް، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބާއްވައިނިންމާލައިފި އެވެ.

ޤައުމީ ތަރައްޤީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045" އަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދިއަ "ކުރިމަގު ސައްލާ" ބައްދަލުވުންތަކުގައި ހުރިހާ ސިޓީތަކާއި ރަށު ކައުންސިލްތަކުގެ މެންބަރުންނާއި، ސަރުކާރުގެ އިދާރާތައް ތަމްސީލްކުރައްވާ ފަރާތްތައްވެސް ހިމެނޭހެން ރައްޔިތުންގެ ބައިވެރިވުން ހޯދައި ޚިޔާލާއި މަޝްވަރާ އެއްކޮށްފައި އެވެ.

"ވިލުންތެރި ރާއްޖެ 2045" އަށް ރައްޔިތުންގެ ޚިޔާލުއެއްކުރުމަށް ކުރާ ދިރާގެ މަސައްކަތް ޙަވާލުކޮށްފައިވަނީ "ނެކްސިޔާ މޯލްޑިވްސް" އާއެވެ.

މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހު ކ. ގުރައިދޫން ފެށި "ކުރިމަގު ސައްލާ" ބައްދަލުވުންތައް ނިންމާލާފައި ވަނީ، ރޭގެ ނިޔަލަށެވެ. ކުރިމަގު ސައްލާގެ އެންމެފަހުގެ ބައްދަލުވުންތައް ރޭ ބާއްވާފައި ވަނީ މާލޭ ސަރަހައްދުން ހުޅުމާލޭގެ އިތުރަށް، ކ. ހިންމަފުށްޓާއި ހުރާ ގައެވެ.

މިއާއެކު، މިހާތަނަށް 189 ރަށުގައި ބައްދަލުވުންތައް ކުރިއަށްގެންގޮސް، 9048 މީހުންގެ ބައިވެރިވުން އެކިގޮތްގޮތުން ހޯދުނު ކަމަށް ނެކްސިއާ މޯލްޑިވްސް އިން ބުނެއެވެ.

ނެކްސިއާ މޯލްޑިވްސް އިން ބުނީ، "ކުރިމަގު ސައްލާ" ބައްދަލުވުންތައް މިހާރު ނިންމާލެވިފައިވާއިރު، އުމަރު ޒާހިރު އޮފީސް އިމާރާތުގައި ޤާއިމްކޮށްފައިވާ ވިލުންތެރި ރާއްޖެ އޮފީހުގައި ވަށްމޭޒު ސައްލާތައް ބާއްވަމުން އަންނަ ކަމަށެވެ.

މި ސައްލާތަކުގައި ޤައުމީ ތަރައްޤީގެ ޕްލޭނަށް މައުލޫމާތު އެއްކުރުމަށް މުހިންމު 60 މަޢުޟޫޢަކަށް އެކި ދާއިރާތަކުގެ މީހުން ބައިވެރިވެޚިޔާލާއި މަޝްވަރާތައް ދަނީ ހުށަހަޅަމުންނެވެ. ނެކްސިއާ އިން ބުނީ ވަށްމޭޒު ސައްލާގެ 19 ބައްދަލުވުން މިހާތަނަށް ބާއްވާފައިވާކަމަށެވެ.

ހުރިހާރަށެއްގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ބައްދަލުވުންތައް ނިންމާލާފައިވިއަސް، އަދިވެސް "ވިިލުންތެރި ރާއްޖެ 2045" އަށް ޚިޔާލާއި މަޝްވަރާ ހުށަހެޅުމުގެ ފުރުޞަތު އެބައޮތް ކަމަށް ނެކްސިއާއިން ބުނެއެވެ. އެގޮތުން ނެކްސިއާގެ ޕޯޓަލްއިން، ޚިޔާލު ހޯދުމުގެ ސަރވޭގައި ބައިވެރިވެ ރައްޔިތުން ދޭން ބޭނުންވާ ޚިޔާލާއި މަޝްވަރާ Resilient Maldives | ވިލުންތެރި ދިވެހިރާއްޖެ ޕޯޓަލުން އޮންލައިންކޮށް ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ފަހިކޮށްދީފައެވެ.

ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ ޤައުމީ ތަރައްޤީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045" އެކުލަވާލުމުގެ މަސައްކަތް ކުރިއަށްގެންދަނީ، ހުރިހާ އެންމެން ޝާމިލްވުން ހިމެނޭގޮތުންނެވެ.

އެގޮތުން ކުޑަކުދިންނަށްވެސް ޤައުމީ ތަރަށްޤީގެ ޕްލޭނަށް ޚިޔާލު ހުށަހެޅުމަށް ފުރުސަތު ދިނުމަށް، ނޮވެމްބަރ 4ވަނަ ދުވަހު ފެށި ކުޑަކުދިންގެ އާޓް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ފުރުސަތުގައި ހަމައެކަނި ޕެއިންޓްގެ ގޮތުގައި ނޫނަސް ކުޑަކުދިންނަށް އެކުދިން ކުރިމަގުގައި ރާއްޖެ ދެކެން ބޭނުންވާގޮތް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

ދުރުރާސްތާ ޕްލޭނަކަށް ވާސިލްވުމަށް ޤައުމު ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އާއި އެކު "ވިލުންތެރި ރާއްޖެ 2045" ޤައުމީ ޕްލޭން އެކުލަވާލައި، ކުރިއަށްއޮތް 20 އަހަރު ރާއްޖެ އޮންނަން ރައްޔިތުން ބޭނުންވާގޮތުގެ ތަސައްވުރު އެކުލަވާލައި، އެއަށް ޤާނޫނީ ބާރުވެރިކަން ލިއްބައިދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކުރިމަގު ސައްލާގެ ޚިޔާލު ހޯދުމުގެ ސަރވޭގައި ބައިވެރިވުމަށް، Resilient Maldives | ވިލުންތެރި ދިވެހިރާއްޖެ