logo
banner image

ގޭބިސީގެ މިލްކުވެރިކަން ފުޅާކުރުމަށް އެމްއެމްއޭ އިން އާ މެންޑޭޓެއް، ބޭންކުތަކަށް %10-15 ގެ އަދަދެއް ކަނޑައެޅޭނެ

ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގެދޮރުވެރިކަމުގެ ފުރުސަތު ފުޅާކޮށް، ގޭބިސީގެ މިލްކުވެރިކަން އިތުރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަމެއްދެއްވައިގެން ކުރައްވާ ކަންކަމުގެ ތެރެއިން، ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކުތަކަށް އާ މެންޑޭޓެއް ކަނޑައަޅައިފިއެވެ. މި މެންޑޭޓުގެ ދަށުން، ބޭންކުތަކުން އެ ބޭންކުތަކުގެ ޕޯޓްފޯލިއޯގެ 10 އިންސައްތަ އާއި 15 އިންސައްތައާއި ދެމެދުގެ އަދަދެއް ގޭބިސީގެ މިލްކުވެރިކަމަށް ޚާއްސަކުރެވޭނެއެވެ.

މިކަމާއި ގުޅިގެން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ މުހިއްމު ދެ އަމާޒަކީ، ފަސޭހައިން ރައްޔިތުންނަށް ގެދޮރުވެރިކަމުގެ ފުރުސަތު ލިބުމާއި ކުލި ނުވަތަ ލޯނުގެ އަގު އަތްފޯރާ ފަށުގައި ހުރުން ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އެމްއެމްއޭގެ މި އާ މެންޑޭޓާއެކު، ބޭންކުތަކުން ގޭބިސީގެ މިލްކުވެރިކަން ފުޅާކުރުމަށް އެ ބޭންކުތަކުގެ ޕޯޓްފޯލިއޯގެ 10-15 އިންސައްތަ ކަނޑައަޅާނެ ކަމަށެވެ. މީގެ އިތުރުން، ދައުލަތުން އިތުރު ލޯނަކަށް ބަރޯސާވުމަކާއި ނުލައި، ރައްޔިތުންނަށް ގެދޮރުވެރިކަމުގެ ފުރުސަތު ފުޅާކުރުމަށް މިހާރުވެސް ވަކި ވަކި ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މިގޮތުން، މިހާރު ވަނީ ހުޅުމާލެއާއި ވިލިމާލެއިން 3000 ހައުސިންގ ޔުނިޓް އެޅުމަށް ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ޕްރައިވެޓް ލިމިޓެޑް އަށް ބިން ހަވާލުކުރައްވާފައެވެ. މިކަންކަމަކީ ދިވެހި ރައްޔިތުންނަށް ގެދޮރުވެރިކަމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ވަރަށް މުހިއްމު ފިޔަވަޅުތަކެކެވެ.