logo
banner image
ޚާރިޖީ ވުޒާރާ

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ފަލަސްޠީނުގެ ޚާރިޖީ ވަޒީރަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.

" ފަލަސްޠީނުގެ މިނިވަންކަން އިޢުލާންކުރި ދުވަހުގެ މުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ކަމަނާއަށާއި، ފަލަސްޠީނުގެ ސަރުކާރަށާއި ރައްޔިތުންނަށް، އިޙްލާސްތެރި ހެޔޮއެދުންތައް އަރިސްކުރަމެވެ.

ފަލަސްޠީނުގެ މިނިވަންކަން އިއުލާންކުރި ދުވަހުގެ މުނާސަބަތު ފާހަގަކުރާއިރު، ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭން އަބަދުވެސް ތާއީދު ކުރާނެއެވެ.

ފަލަސްޠީނުގެ ޙައްޤުތައް ހިމާޔަތްކުރުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ ކަމަށާއި، އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައި އޮންނަ އެއްބައިވަންތަކަމާއި އަޚުވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން އަރުވަމެވެ. އަދި ކަމަނާއާއެކު ފަލަސްޠީނުގެ މައްސަލައަށް ޢަދުލުވެރި އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށްޓަކައި، ބައިނަލްއަޤްވާމީ މައިދާނުގައި ގާތުން މަސައްކަތްކުރުމަށް އުންމީދުކުރަމެވެ.

އަޅުގަނޑު ކަމަނާއަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުން ކުރީމެވެ."