logo
banner image
ދިފާޢީ ވުޒާރާ

ތިނަދޫ ސްކޫލުގެ ދަރިވަރުންނަށް ފަޔަރ އެވެއަރނެސް ސެޝަނެއް ކުރިއަށްގެންގޮސްފި

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަނުން ތިނަދޫ ސްކޫލުގެ ދަރިވަރުންނަށް، ފަޔަރ އެވެއަރނެސް ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ.

މިއަދު ތިނަދޫ ސްކޫލުގައި ކުރިއަށްގެންދިޔަ މި ސެޝަންގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެގޮތުގެ މުހިންމު މަޢުލޫމާތުތައް ކިޔައިދީފައިވެއެވެ. އަދި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލުކުރަންވީ ގޮތުގެ މަޢުލޫމާތާއި ފަޔަރ ބްލޭންކެޓް އަދި އަލިފާންނިވި ބޭނުންކޮށްގެން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ވަނީ ދަސްކޮށްދީފައެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ކިޔަވައިދިން މި ސެޝަންގައި، އެ ސްކޫލުގެ 180 ދަރިވަރުން ބައިވެރިވިއެވެ.