logo
banner image
ދިފާޢީ ވުޒާރާ

ސިފައިންގެ 14 ބޭފުޅަކު، ޝަރަފުގެ ބެޖާއި އައްޑަނަ ހާސިލުކުރައްވައިފި

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި ދައުލަތުން ދެއްވާ، ޝަރަފުގެ ބެޖާއި އައްޑަނަޔާއި ހަނދާނީ ލިޔުން، ސިފައިންގެ 14 ބޭފުޅަކު ހާސިލުކުރައްވައިފިއެވެ.

އެ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަނަޔާއި ހަނދާނީ ލިޔުން ދެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ނޮވެންބަރު 11ވަނަ ދުވަހުގެ ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

މިއީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި، އިޚްލާޞްތެރިކަމާ އެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި، އެ ބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ޤައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަން ފެއްޓެވި ޝަރަފުވެރި އިނާމެކެވެ.

އެގޮތުން މި އިނާމް ހާސިލުކުރެއްވި ސިފައިންގެ ބޭފުޅުންގެ ތެރޭގައި ހިމެނިލައްވާ ބޭފުޅުންނަކީ؛

ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުހުރީ

ޗީފް ވޮރަންޓް އޮފިސަރ މުޙައްމަދު ނަސީމް

ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޝަހީރު

ވޮރަންޓް އޮފިސަރ 2 ޢަބްދުއްރައްޒާޤް ޢަބްދުއްރަޙްމާން

ސާޖަންޓް މޭޖަރ އަޙްމަދު ޢާރިފް

ސާޖަންޓް މޭޖަރ އިބްރާހީމް ރާޟީ

ސާޖަންޓް މޭޖަރ ޙަސަން އިބްރާހީމް

ސާޖަންޓް މޭޖަރ ޒަކަރިއްޔާ ޒަހީން

ސާޖަންޓް މޭޖަރ މުޙައްމަދު ޙުސައިން

ފަސްޓް ސާޖަންޓް ބުޝްރީ ޒާހިރު

ފަސްޓް ސާޖަންޓް އަޙްމަދު ރާޝިދު

ފަސްޓް ސާޖަންޓް އަޙްމަދު ނާޡިމް

ފަސްޓް ސާޖަންޓް އިބްރާހީމް ޝަކީބް

ސާޖަންޓް ފަސްޓް ކްލާސް މޫސާ ނަޢީމް

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމުގެ ނަމުގައި އިނާމު ދެއްވަން ފެއްޓެވީ، 2021ވަނަ އަހަރުގައެވެ. އެއީ، ވަރަށް ދިގު މުއްދަތަކަށް އިޚުލާޞްތެރިކަމާ އެކުގައި ޚިދުމަތްކުރައްވައިފައިވާ ގިނަ އަދަދެއްގެ ބޭފުޅުން އޭރު ވެސް ތިއްބެވުމާ އެކު، އެ ބޭފުޅުންގެ ޚިދުމަތުގެ އަގު، ޤައުމީ ފެންވަރެއްގައި ވަޒަންކުރެއްވުމަކީ، ވަރަށް މުހިންމު ކަމެއްކަމަށް ފެނިވަޑައިގަންނަވާތީއެވެ.

މި ޖަލްސާގައި، ޖުމުލަ 97 ބޭފުޅަކަށް ޝަރަފުގެ އިނާމް ދެއްވާފައިވާ އިރު، އޭގެ ތެރޭގައި ސިފައިންގެ އިތުރުން ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާ އެކު ރިޓަޔަރކުރައްވާފައިވާ 9 ބޭފުޅަކާއި، އެހެނިހެން މުއައްސަސާތަކާއި އިދާރާތަކުގައި 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.