ހަނިމާދޫ ބައިނަލްއަޤްވާމީ އެއާޕޯޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުވައިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހަނިމާދޫ ބައިނަލްއަޤްވާމީ އެއާޕޯޓް (އެޗް.އައި.އޭ) ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިމި ކުލަގަދަ ރަސްމިއްޔާތަކާއިއެކު ހުޅުވައިދެއްވައިފިއެވެ. ރޭ ހަނިމާދޫގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި އެއާޕޯޓް ހުޅުއްވައިދެއްވިއިރު، ރައީސް ޑރ. މުޢިއްޒުގެ އަރިހުގައި އިންޑިއާގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބު އަދި ސިވިލް އޭވިއޭޝަން މިނިސްޓަރ ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ އާއި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްތަލިބު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސްއިން 2022 ވަނަ އަހަރުގައެވެ. މި މަޝްރޫޢުގެ ދަށުން އެޅި އާ ޓާމިނަލަކީ ދިވެހި ކަނޑުތަކުގެ ދިރުންތަކުގެ މައްޗަށް ޚާއްސަކޮށް، މަޑިއެއް ސިފަވާހެން ފަރުމާކޮށްފައިވާ ޚާއްސަ އެއާޕޯޓެކެވެ. އެއާޕޯޓް ރަސްމީކޮށް ހުޅުވުމާއެކު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ވަނީ އެއާޕޯޓާއި ހަވާލުވެފައެވެ. އެއާއެކު، އެއާޕޯޓުގައި މިހާރު ބޭނުންކުރަމުން އަންނަ ޓާމިނަލްގެ އޮޕަރޭޝަންސްތައް އާ ޓާމިނަލަށް ވަނީ ބަދަލުކޮށްފައެވެ.

އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭގޮތަށް ތަރައްގީކޮށްފައިވާ މި ޓާމިނަލަކީ ރާއްޖޭގައި މިހާރު ހުރި ޓާމިނަލްތަކުގެ ތެރެއިން އެންމެ ރީތި އެއް ޓާމިނަލަށް ވާނެކަމަށް ބެލެވެއެވެ. މި އެއާޕޯޓް ތަރައްގީ ކުރުމުގެ ސަބަބުން، ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެން ދާނެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އުތުރުގެ ރަށްތަކަށް ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ކުރިއެރުންތަކެއް ލިބި، ސަރަހައްދީ އިގްތިސާދަށް އާ އުންމީދުތަކެއް ގެނެސްދޭނެއެވެ.
