logo
banner image
ތަޢުލީމީ ވުޒާރާ

ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) ބޯޑުގެ އެގްޒެކެޓިވް ކޮމިޓީއަށް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު އައްޔަންކުރައްވައިފި

ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) ބޯޑުގެ އެގްޒެކެޓިވް ކޮމިޓީއަށް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު އައްޔަންކުރައްވައިފިއެވެ.

މި މަޤާމަށް ދިވެހިރާއްޖޭގެ ތަޢުލީމީ ވަޒީރު އައްޔަންކުރެވިގެން ދިއުމަކީ ތަޢުލީމީ ސިޔާސަތުތަކާ ގުޅޭ ބައިނަލްއަޤްވާމީ މަޝްވަރާތަކުގައި ދިވެހިރާއްޖޭގެ ދައުރު ފުޅާވަމުންދާކަމުގެ ހެއްކެކެވެ. އަދި މިއީ ދިވެހިރާއްޖެއަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެކެވެ. މިކަމުން ދައްކުވައިދެނީ ތަޢުލީމީ ދާއިރާގެ ސިޔާސަތުތައް އެކުލަވާލުމުގައި މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢުގެ އިސްނެންގެވުމާއި، ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އިތުރުން، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ 4 ވަނަ ލަނޑުދަނޑި – ހަމަހަމަ، ޝާމިލު އަދި ފެންވަރު ރަނގަޅު ތަޢުލީމު ފޯރުކޮށްދިނުން - ހާސިލުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކެވެ.

ޖީ.ޕީ.އީ ބޯޑުގެ އެގްޒެކެޓިވް މެންބަރެއްގެ ހައިސިއްޔަތުން، ޖީ.ޕީ.އީގެ ސިޔާސަތުތައް ތަންފީޒުކުރުމާއި، ގްލޯބަލް އެޑިޔުކޭޝަން އިނިޝިއޭޓިވްތައް ރަނގަޅަށް ކުރިއަށްދޭތޯ ކަށަވަރުކުރުމުގައި މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު މުހިންމު ދައުރެއް އަދާކުރައްވާނެއެވެ.

މީގެ އިތުރުން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ގެންދަވަނީ ޖީ.ޕީ.އީގެ އޭޝިއާ އަދި ޕެސިފިކް ސަރަޙައްދު ތަމްސީލުކުރައްވާ ބޯޑު މެންބަރުގެ ހައިސިއްޔަތުން، މި ސަރަޙައްދުގެ ޤައުމުތަކުގައި ހަމަހަމަކަމާއެކު، ޝާމިލުވެއްޓެއްގައި، ފެންވަރު ރަނގަޅު ތަޢުލީމު ފޯރުކޮށްދިނުމަށް ވަކާލާތު ކުރައްވަމުންނެވެ.

ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) އަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތަޢުލީމީ ނިޒާމު ކުރިއެރުވުމަށް ހިލޭ އެހީ ދޭ ބައިނަލްއަޤްވާމީ އެންމެ ބޮޑު އެއް ފަންޑެވެ. ޖީ.ޕީ.އީ އިން ވަނީ ރާއްޖޭގެ ތަޢުލީމީ ނިޒާމު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން ޖީ.ޕީ.އީގެ ތަފާތު 3 ގްރާންޓްގެ އެހީއާއެކު ތައުލީމީ ނިޒާމަށް އިންގިލާބީ ހެޔޮ ބަދަލެއް ގެނައުމަށްޓަކައި "ތައިބަ' ގެ ނަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޙާއްސަ ޕްރޮޖެކްޓެއް ގާއިމުކުރެވި، އޭގެ މަސައްކަތް ކުރިއަށްދެއެވެ. މި ޕްރޮޖެކްޓަކީ ދިވެހިރާއްޖޭގެ ތައުލީމަށް، ނިޒާމީގޮތެއްގައި، ހެޔޮ ބަދަލުތަކެއް ގެނެއުމާއެކު، ރާއްޖޭގެ ތަޢުލީމީ ނިޒާމަކީ ހަރުދަނާ، ޝާމިލު، ވިލުންވެރި ނިޒާމަކަށް ހެދުމަށްޓަކައި އެކުލަވާލި ޕްރޮޖެކްޓެކެވެ.