އައްޑޫ ސިޓީ ފޭދޫގެ ހިއްކި ބިމުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީގެ ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، އައްޑޫ ސިޓީ ފޭދޫގެ ހިއްކި ބިމުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މާލެ ވޯޓަރ އެންޑް ސުވަރެޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އާއެކު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ 2025 ނޮވެމްބަރ 5 ވާ ހޯމަ ދުވަހުއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑޮކްޓަރ އަބްދުﷲ މުއްޠަލިބްއެވެ. މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދްއެވެ. މި މަޝްރޫޢުގެ ޖުމުލަ އަގަކީ 80,678,183.26 ރުފިޔާއެވެ. އެމް.ޑަބްލިއު.އެސް.ސީ އާ މި މަޝްރޫޢު ހަވާލުކުރެވިފައިވަނީ 720 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި, އައްޑޫސިޓީ ފޭދޫ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ޤާއިމު ކުރެވިފައިނުވާ ސަރަހައްދުގައި ފެނާއި ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޕަންޕިންގ ސްޓޭޝަން ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި، ފެން މީޓަރުތައް ބަހެއްޓުމާއި އަދި އައުޓްފޯލް އެޅުމުގެ އިތުރުން މި މަޝްރޫޢު ނިންމުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން ހިމެނެއެވެ. މި މަޝްރޫޢުގެ ސަބަބުން ފޭދޫގެ ހިއްކި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިގުދެމިހުންނާނެ އަދި އިތުބާރު ކުރެވޭ ފެނާއި ނަރުދަމާގެ ހިދުމަތް ލިބިގެންދާނެއެވެ.
