logo
banner image

އައްޑޫ ސިޓީގައި 200 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އެޗް.ޑީ.ސީ އާއެކު ސޮއިކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، އައްޑޫ ސިޓީގެ ރަށްތަކުގައި ޖުމުލަ 200 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއެކު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ފޭދޫގައި ހައުސިންގ ޔުނިޓުތައް ތަރައްޤީކުރެވޭނެއެވެ.

މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި 100 ހައުސިންގ ޔުނިޓު، އައްޑޫ ސިޓީ މަރަދޫގައި 50 ހައުސިންގ ޔުނިޓު އަދި އައްޑޫ ސިޓީ ފޭދޫގައި 50 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާގެ ސަރުކާރުން ރާއްޖޭގެ ރަށްރަށުގައި ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔާރޑް) ޢަލީ ޒުހައިރުއެވެ.