logo
banner image
ޞިއްޙީ ވުޒާރާ

ހެލްތު އެކްސްޕޯގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް

ހެލްތު އެކްސްޕޯ 2025ގެ މީޑިއާ ޕާޓްނަަރަކަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ހަމަޖައްސައިފިއެވެ.

ހެލްތު އެކްސްޕޯއަކީ، ޞިއްޙީ އެކި ކަންކަމަށް ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، މި މަސައްކަތުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުމަށް ބާއްވާ އެކްސްޕޯއެކެވެ.

ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ޚާއްސަ ސިޔާސަތުގެ ތެރެއިން ކުރިއަށްގެންދާ މި އެކްސްޕޯގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ ޞިއްޙީ ވުޒާރާއިންނެވެ. ހެލްތް އެކްސްޕޯ 2025ގެ މީޑިއާ ޕާޓްނަރުގެ ގޮތުގައި ޕީއެސްއެމް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ޕީއެސްއެމްގައެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، މިދިޔަ އަހަރުގެ އެކްސްޕޯއާ ޚިލާފަށް މިއަހަރު އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުންވެސް އެކްސްޕޯގައި ބައިވެރިވާނެކަމަށެވެ.

"ބަލިތަކުން ރައްކާތެރިވެތިބުމަށް ކުރާ މަސައްކަތްތަކަށް ބާރުއެޅުމަށް ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ރައްޔިތުން މި ކަންކަމަށް ހޭލުންތެރިކުރުވުން. އެކަން އަޅުގަނޑުމެން ކުރައްވަމުން މި ގެންދަނީ. ރައްޔިތުންގެ ބައިވެރިވުމާއެކު، އެންމެން ޝާމިލުވާ މުހިންމު ހަރަކާތެއްގެ ގޮތުގަ ހިންގޭ ހަރަކާތެއް މި ހެލްތު އެކްސްޕޯއަކީ، އެގޮތުން މާލޭގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުންވެސް މި ފަހަރުގެ މި އެކްސްޕޯގައި ބައިވެރިވިކަން ފާހަގަކޮށްލެވޭ". ވަޒީރު ވިދާޅުވިއެވެ.

މި އެކްސްޕޯއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަސްރީނު ވިދާޅުވީ، މިއެއްބަސްވުމުގެ ދަށުން ޕީއެސްއެމްގެ އެކި ޕްރޮގްރާމްތަކުގައި އަދި ޚަބަރު ގަޑިތަކުގައިވެސް އެކްސްޕޯއާ ގުޅުންހުރި މައުލޫމާތުތައް އާއްމުންނަށް ފޯރުކޮށްދޭނެކަމަށެވެ.

"ޕީއެސްއެމް އިން އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަން ޕީއެސްއެމްގެ ޗެނަލްތަކާއި ރޭޑިއޯ މެދުވެރިކޮށް ޞިއްޙީ ދާއިރާފަދަ މުހިންމު ދާއިރާތަކުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަަކައި ކުރިއަށްގެންދާ މިފަދަ އެކްސްޕޯތަކާއި ހަރަކާތްތައް ޕްރޮމޯޓޮކޮށް މީޑިއާއިން ކުރެވޭނެ ހުރިހާ ކަމެއް ކޮށްދެވޭތޯ، އެހެންކަމުން މި އަހަަރުގެ މި އެކްސްޕޯގެ ވެސް އެންމެ ފަހުގެ މަޢުލޫމާތުތައް އަޅުގަނޑުމެން ޕީއެސްއެމްގެ ޗެނަލްތަކާއި ރޭޑިއޯ މެދުވެރިކޮށް ގެނެސްދޭނަން". އިބްރާހީމް ނަސްރީނު ވިދާޅުވިއެވެ.

ހެލްތު އެކްސްޕޯ 2025އަކީ މި ސަރުކާރަށް 2 އަހަރު ފުރޭ މުނާސަބަތުގައި ބާއްވާ އެކްސްޕޯއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ހެލްތު އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 އިން 15އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.