އުފެއްދުންތެރިކަމާއި ތަހުޒީބާއި އުފާވެރިކަން ޤައުމަށް ލިބޭނީ ސިއްހަތަށް އިސްކަންދީގެން: ފަސްޓް ލޭޑީ
އުފެއްދުންތެރިކަމާއި ތަހުޒީބާއި އުފާވެރިކަން ލިބޭނީ ގައުމު ބިނާކުރުމުގައި ސިއްހަތަށް އިސްކަންދީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ކެއުންބުއިމުގެ ނުރަނގަޅު އާދަތަކުން ސިއްހަތަށް ލިބޭ ގެއްލުންތަކަށް އަހުލުވެރިކުރުވުމަށް ހިންގާ "ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމައު" ޤައުމީ ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވީ ދިރިއުޅުމާއި ކެއުންބުއިމުގެ ރަނގަޅު އާދަތައް ދަސްކޮށް އެކަމަށް އަހުލުވެރިވުމަކީ ދުޅަހެޔޮ އުފާވެރި ދިރިއުޅުމެއްގެ ތަޅުދަނޑިކަމަށެވެ. އަދި ގައުމެއް ބިނާކުރުމުގައި ސިއްހަތަށް އިސްކަންދިނުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށާއި، އެކަމުގެ ސަަބަބުން އެ ޤައުމަކަށް އެތައް ގޮތަކުން ކުރިއެރުންތައް އަންނާނެކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
"ތޫނު ސިކުނޑިތަކެއް މުރާލިއަތްތަކެއް ހިވާގިކެރޭ ހުނަރުވެރިންތަކެއް އުފެދޭނީ އޭރުން. އެފަދަ ގައުމެއްގައި އޮންނާނީ އުފާވެރިކަމާއި ހިތްފަސޭހަކަމާއި ތަހުޒީބާއި އުފެއްދުންތެރިކަން" ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ވަނީ ސަލާމަތް ސިއްހަތާއި ދިރިއުޅުމުގެ ރަނގަޅު އާދަތަކަށް އިސްލާމްދީންވެސް ބާރު އަޅާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ހަލާލު ރަނގަޅު ކާބޯތަކެތި ކެެއުމަށާއި، ކެއުން ބުއިމުގައި ވަކި މިންތަކެއް ގެންގުޅުމަށް ގުރުއާނާއި ސުންނަތުގައި އަންގަވާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން އަޅުގަނޑުމެން މުސްލިމުންނަށްވީތީވެސް މި ޤައުމު ދުޅަހެޔޮ އުފާވެރި ޤައުމެއްގެ ގޮތުގައި ބޭއްވުމަށް ފަސޭހަވާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ރައްޔިތުންގެ އާއްމު ފައިދާއަށް ސަރުކާރުން ހިންގަވާ ޤައުމީ ކަންކަމުގައި ދިވެހިންނަކީ އަބަދުވެސް އެއްބާރުލުންދޭ ބައެއްކަމަށެވެ. އެގޮތުން ރައީސް މައުމޫނާއި ރައީސް ނާސިރުގެ ވެރިކަމުގައި ހިންގެވި ޤައުމީ ބޮޑެތި ކެމްޕެއިންތަކަށް ދިވެހި ރައްޔިތުންގެ ފަރާތުން ލިބިގެންދިޔަ ބޮޑު ތަރުހީބު އެކަަމަނާ ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް ސަރުކާރުން ހިންގަވާ މިފަދަ ގައުމީ ހަރަކާތްތަކަށް މިހާރުވެސް ރައްޔިތުންގެ އެއްބާރުލުން ލިބިގެންދާނެކަން އެކަމަނާ ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު އިއުލާންކުރެއްވި ޖެނެރޭޝަނަލް ބޭންއަށް ބޮޑު ތަރުހީބެއް ލިބޭ މަންޒަރު އެބަފެނޭ" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ދިވެހިންގެ ތަބިއްޔަތު ހުންނަގޮތުން ދިވެހިންނަކީ އަބަދުވެސް ރަނގަޅު ކަންކަމަށް އާނއެކޭ ބުނާ ބައެއްކަމަށެވެ. އަދި ދިވެހިންގެ ސިއްހަތަށް ހެޔޮ ބަދަލެއް ގެނެވޭ ގައުމީ ކެމްޕެއިނެއް މި އިފްތިތާހުކުރެވުނީ އެކަމަށް ގައުމު ވަރަށް ބޭނުންޖެހިފައިވާ ދަނޑިވަޅެއްގަކަމަށާއި އެހެންކަމުން މި ކެމްޕެއިންގައި މުޅި ރާއްޖެ ބައިވެރިވާނެކަން ޔަގީންކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.
