އައްޑޫ ސިޓީގެ ހިތަދޫގައި ޕާސްޕޯޓް އަދި ފޭދޫގައި ޕާސްޕޯޓާއި، އައިޑެންޓިޓީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ފައްޓަވައިދެއްވައިފި
އައްޑޫ ސިޓީގެ ހިތަދޫގައި ޕާސްޕޯޓް އަދި ފޭދޫގައި ޕާސްޕޯޓާއި، އައިޑެންޓިޓީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ފައްޓަވައިދެއްވައިފިއެވެ.
ޕާސްޕޯޓާއި، އައިޑެންޓިޓީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ފައްޓަވައިދެއްވީ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އައްޑޫ ސިޓީގައި ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
މި ފަދަ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ލިބޭނޭ ގޮތް ހެއްދެވުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން މިހާރު ވަނީ ރާއްޖޭގެ ހުރިހައި އަތޮޅެއްގައި އައިޑީކާޑު ޕްރިންޓް ކުރެވޭ ގޮތް ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގެ ތެރޭން އިއްޔެ ވެސް ވަނީ ހުޅުދޫގައި ޕާސްޕޯޓު ޕްރިންޓްކުރުމުގެ ޚިދުމަތުގެ އިތުރުން މީދޫގައި އައިޑީ ކަޑާއި، ޕާސްޕޯޓު ޕްރިންޓްކުރުމުގެ ޚިދުމަތް ފައްޓަވައިދެއްވާފައެވެ.
ލާމަރުކަޒީ ނިޒާމުގެ ތެރޭން ރައްޔިތުންނާ ގާތުން ޚިދުމަތްތައް ލިބޭނެ ގޮތްތައް ފަހިކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްކަން ދެއްވާ ކަމެކެވެ.
