logo
banner image
ދިފާޢީ ވުޒާރާ

ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވައިފި

ދިވެހިރާއްޖޭގެ ފަޚުރުވެރި 37ވަނަ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވައިފިއެވެ.

ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މި ޖަލްސާގައި، ތިނެއް ނޮވެންބަރުގެ ޢުދުވާނީ ޙަމަލާ ރާއްޖެއަށް ކުރިމަތިވި އިރު، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި އޭރު ހުންނެވި ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ވަނީ ޝަރަފުގެ ޚާއްޞަ އައްޑަނައެއް އަރުއްވާފައެވެ. އަދި އެ ދުވަހުގެ ޙަމަލައިގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި، ޢާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ޚިދުމަތުގެ އަގު، ގައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން، ނޮވެންބަރު 3ގެ ޝަހީދުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނަ ވަނީ އަރުއްވާފައެވެ. އެ ފަރާތްތަކަށް ޝަރަފުގެ އައްޑަނައާއި ހަނދާނީ އައްޑަނަ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

މި ޖަލްސާއަށް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވުމުން، ސިފައިން ވަނީ، އިޙުތިރާމް އަދާކުރުމުގެގޮތުން ޝަރަފުގެ ގާޑެއް އަރުވައި، އެރައިވަލް ކޯލް ކުޅެފައެވެ. އަދި، 1988ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ހަމަލާގައި އެންމެ ފުރަތަމަ ޝަހީދުވި، ޝަހީދު ކޯޕްރަލް ޢަބްދުﷲ ޒުހައިރުއާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޚާއްޞަ ހުށަހެޅުމެއް ސިފައިން ވަނީ ހުށަހަޅައިދީފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ސަރުކާރުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންނާއި އަދި އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެ ވަޑައިގެންނެވިއެވެ.