logo
banner image

ފަޤީރުންގެ ފްލެޓަށް ޒަކާތު ފަންޑުން ޑައުން ޕޭމަންޓް ދައްކައިދިނުމަށް ނިންމައިފި

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ބައެއް ފަރާތްތަކަށް، ސޯޝަލް ހައުސިންގެ ތެރެއިން ސަރުކާރުން ދޭ ފްލެޓް/އެޕާޓްމަންޓް ޔުނިޓް ލިބި، އެ ޔުނިޓްތަކަށް ދައްކަންޖެހޭ ޑައުން ޕޭމަންޓް ދެއްކުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ ޒަކާތު ފަންޑުން 14 ފަރާތަކަށް ޑައުން ޕޭމަންޓު ދައްކައިދިނުމަށް ޒަކާތު ކައުންސިލުން ނިންމަވައިފިއެވެ.

އެގޮތުން، 14 ފަރާތަކަށް ޑައުން ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ޖުމުލަ 340،000 (ތިން ލައްކަ ސާޅީސް ހާސް) ރުފިޔާ ޒަކާތު ފަންޑުން ދައްކައިދިނުމަށް ޒަކާތު ކައުންސިލުން ވަނީ ނިންމަވާފައެވެ.

މި ފައިސާ ޒަކާތު ހައުސް އިން ސީދާ އެ ފަރާތްތަކުގެ އަމިއްލަ އެކައުންޓަކަށް ޖަމާކޮށްދިނުމުގެ ބަދަލުގައި، ދައްކާނީ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާއަށެވެ. އަދި އެއަށް ފަހު، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލަށް ރިއާޔަތްކޮށް، ފަޤީރުކަމުގެ ޙާލަތު އަލުން ރިވިއުކޮށް ބެލުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފައްދަވައި، ފަޤީރުންގެ ކަންކަމަށް ފުޅާ ދާއިރާއެއްގައި ހޭދަކުރުމުގެ މަސްއޫލިއްޔަތު ޒަކާތު ހައުސްއާއި ހަވާލު ކުރައްވާފައިވާއިރު، ޒަކާތު ހައުސްއާއެކު ރާއްޖޭގެ ޒަކާތުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް އައިސްފައިވާކަން ފާހަގަކޮށްލެވެއެވެ.