ނައިފަރުގައި ގާއިމްކުރާ 30 ޓަނުގެ އައިސްޕްލާންޓުގެ ބިންގާ އަޅައިފި
ޅ.ނައިފަރުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ 30 ޓަނުގެ އައިސްޕްލާންޓާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީގެ ބިންގާ އަޅައިފިއެވެ.
އައިސްޕްލާންޓާއި އައިސް ސްޓޯރޭޖް ފެސިލިޓީގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރައްޔިތުންނާއި ގާތަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޅ.ނައިފަރަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
ނައިފަރުގައި ގާއިމްކުރާ 30 ޓަނުގެ އައިސްޕްލާންޓާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީގެ މި މަސައްކަތް ހަވާލުކޮށްފައި ވަނީ މިފްކޯއާއެވެ.
ނައިފަރުގައި ގާއިމްކުރާ އައިސްޕްލާންޓައި އައިސް ސްޓޯރޭޖް ފެސިލިޓީގ ގާއިމްވެގެން ދިއުމަކީ އެ ސަރަހައްދުގެ މަސްވެރިންނާއި ނައިފަރަށްވެސް އެކަމުގެ މަންފާކުރާނެ ކަމެކެވެ.
މީގެއިތުރުން މަސްވެރި އުޅަނދުތަކުގެ މަރާމާތުތަކާއި މިނޫންވެސް މަސައްކަތްތަކަށް ނައިފަރުގައި ސްލިޕްވޭ ގާއިމްކުރުމުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ.

ރާއްޖޭގެ މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ހެޔޮ އަގުގައި ފަސޭހައިން އައިސް ނުލިބުމެވެ. މަސްވެރިންގެ މި ކަންބޮޑުވުމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓާއި އައިސް ސްޓޯރޭޖް ފެސިލިޓީ ގާއިމްކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ.
މިއިން ކޮންމެ މަސައްކަތަކީވެސް މަސްވެރިންނަށް އެތައްގޮތަކުން ލުއި ފަސޭހަތަކެއް ލިބިގެންދާނެ މަޝްރޫއުތަކެކެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ޤާއިމް ކުރާ އައިސްޕްލާންޓުތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުންވަނީ އަމާޒުހިފާފައެވެ.
