ރަހަވަރު ކެއްކުމުގެ މުބާރަތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
45 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަހަވަރު ކެއްކުމުގެ މުބާރަތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރަހަވަރު ކެއްކުމުގެ މުބާރާތް އޮންނާނީ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ރ.ދުވާފަރުގައެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް ފަހަގަކުރުމަށް ހަމަޖެހިފައިވަނީ ރ. ދުވާފަރުގައެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަހަވަރު ކެއްކުމުގެ މުބާރާތުގެ ބޭނުމަކީ ޒުވާނުންނާއި ކެއްކުމުގެ ދާއިރާއަށް އަލަށް ނިކުންން ފަރާތްތަކަށް މިދާއިރާއިން އިތުރު ފުރުސަތުތައް ހޯދައިދިނުމެވެ. އަދި މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމެވެ.
މީގެއިތުރުން ދިވެހިރައްޖޭގެ ކޯބޯތަކެތީގެ ރައްކާތެރިކަމަށް މަސްވެރިކަމުން ހިއްސާކުރާ މިންވަރު ފާހަގަކުރުމާއި ދިވެހީންގެ ކެއުން ބުއިމުގެ އާދަކާދަތަކަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ތަފާތު އައު ބާވަތްތަކުގެ މަހުގެ އުފެއްދުންތައް އުފައްދާ ބޭނުންކުރުމުގެ މުހިންމުކަން ދައްކުވައިދިނުމެވެ.
މި މުބާރަތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މިކަމާ ގުޅޭ ފޯމު ފުރިހަމަކުރުމަށް ފަހު 15 ނޮވެމްބަރުގެ ކުރިން މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.
