ލ. ގަސްގަނޑުފިނޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރަން ބައިސަން މޯލްޑިވްސްއާ އެއްބަސްވުމެއްގައި ސޮއިކޮށްފި
ފަތުރުވެރިކަން މިހާތަނަށް ތަރައްޤީވެފައިނުވާ އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރުމުގެ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް، ލ. ގަސްގަނޑުފިނޮޅުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށްޓަކައި ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާ ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނަޝާތު ރަޝީދުއެވެ. މިސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ 2025 އޮކްޓޯބަރު 21 ވަނަ ދުވަހު ލ.ގަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނިވަޑައިގަތުމުގެ ދަށުން، ފަތުރުވެރިކަން ތަރައްޤީނުވެ ހުރި އަތޮޅުތަކުގައި ފަތުރުވެރިކަމުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ޚާއްސަ ލުއިފަސޭހަ ކަންކަމެއް ވަނީ ތަޢާރަފްކުރައްވާފައެވެ. މި ސިޔާސަތުގެ ދަށުން، ލ. ގަސްގަނޑުފިނޮޅު ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ހުޅުވާލި އޯޕަން ބިޑިންގ އުސޫލުން އެންމެ ރަނގަޅު ހުށަހެޅުން ހުށަހަޅާފައިވަނީ ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިންނެވެ.
ގަސްގަނޑުފިނޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެ މި މަޝްރޫޢަކީ، ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ، މުޅި ރާއްޖެއަށް ފަތުރުވެރިކަން ފުޅާކޮށް، އިޤްތިޞާދީ ފައިދާ ފުޅާކުރުމަށް ކުރާ މުހިންމު މަސައްކަތެކެވެ. މި ރިޒޯޓު ތަރައްޤީކުރުމުގެ ސަބަބުން ލ. އަތޮޅަށް އާ އުއްމީދުތަކެއް ގެނެސް، ވަޒީފާގެ ފުރުޞަތުތަކާއި އަތޮޅުގެ އިޤްތިޞާދަށް ކުރިއެރުން ލިބިގެންދާނެކަމަށް ލަފާކުރެވެއެވެ.