ތަރިކައިގެ ދާއިރާއިން، ޢިލްމީ މީހުން ބިނާކުރުމަށް މި ސަރުކާރުން އިސްކަންދެއްވާނެ: ވަޒީރު
20ވަނަ ރައްޔިތުންގެ މަޖިލިސްގެ 2025ވަނަ އަހަރުގެ 3ވަނަ ދައުރުގެ 8 ވަނަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، ތަރިކައިގެ ދާއިރާއަށް ސަރުކާރުން ގެންނަވަމުންދާ ކުރިއެރުންތަކާ ބެހޭ ތަފުސީލުތައް ވަޒީރު އާދަމް ނަޞީރު އިބްރާހީމް ދެއްވައިފިއެވެ. ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު، ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން، މިދާއިރާގައި އެންމެ މުހިންމު އެއްބަޔަކީ ސިކުނޑި ބިނާކުރުން ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ޤައުމީ ސިޔާސަތު ކަނޑައެޅުއްވުމުގައި މައިގަނޑު އަސާސީ ދެކަމެއް ފާހަގަކުރައްވާފައިވާ ކަމަށެވެ. އެއީ ސިކުނޑި ބިނާކުރުމާއި އުމްރާނީ ތަރައްޤީގެ ވާހަކަ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި ދެކަމުގެ ތެރެއިން ތަރިކައިގެ ދާއިރާގައި އެންމެ މުހިންމު އެއްބަޔަކީ ސިކުނޑި ބިނާކުރުން ކަމަށް ވަޒީރު ފަހަގަކުރެއްވިއެވެ.
ތަރިކައިގެ ދާއިރާއަކީ ހަމައެކަނި ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމަށް ބިނާވެފައިވާ ދާއިރާއެއްގެ ގޮތުގައި ނުދެކި، ވިސްނުމެއްގެ ގޮތުގައި، ވަކި ފިލޯސޮފީއެއްގެ މައްޗަށް ބިނާކޮށް، ވަކި އަސްލުތަކެއްގެ މައްޗަށް މިދާއިރާ ބިނާކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ދާއިރާގެ ހައިސިއްޔަތު ފުރިހަމަކުރުމަށްޓަކައި، މިދާއިރާގެ އެންމެ އިސް ބޭފުޅުންގެ ބެއްލެވުމުގެ ދަށުން ކަންކަން ހިނގާނެ ގޮތަށް، އެކަމަށް ބޭނުންވާ ކައުންސިލެއް މިހާރުވަނީ އެކުލަވާލެވިފައެވެ. އަދި މިދާއިރާއަށް ޚާއްސަ އިތުރު މުއައްސަސާއެއްވެސް ވަނީ އެކުލަވާލެވިފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ފާހަގަ ކުރެއްވި ގޮތުގައި، ތަރިކައިގެ ދާއިރާގެ ޢިލްމީ އޮނިގަނޑު މިހާރުވަނީ އެކުލަވާލެވިފައެވެ. މިދާއިރާ ޢާންމުކޮށް ތަޢާރަފުކޮށްދީ، ޢިލްމީ ވިސްނުންގެ ދާއިރާއެއް ތަރައްޤީކުރުމަށްޓަކައި، އާ ޖީލުގެ ކޮމިއުނިޓީއެއްވެސް ވަނީ އުފައްދާފައެވެ.
ވަޒީރު ވިދާޅުވީ މިއީ މިހާތަނަށް ކުރެވިފައި ހުރި މައިގަނޑު ފިކުރީ މަސައްކަތްތައް ކަމަށާއި، މިކަންކަމާ ގުޅޭ މާއްދީ މަސައްކަތްތައްވެސް މިހާރު ދަނީ ކުރެވެމުން ކަމަށެވެ. މިގޮތުން ތަރިކައިގެ ދާއިރާ ދެމެހެއްޓެނިވި ގޮތަކަށް ކުރިއެރުވުމަށް ސަރުކާރުން ފިކުރީ އަދި މާއްދީ ގޮތުންވެސް މަސައްކަތް ކުރަމުންދާކަން ވަޒީރުގެ ވާހަކަފުޅުން ހާމަވެގެން ދިޔައެވެ.
