logo
banner image

ލ. މާވަށު ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޝަރަފްވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ލ. މާވަށު ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް އިއްޔެ ޝަރަފްވެރިކޮށްދެއްވައިފިއެވެ. މި މަޝްރޫޢަކީ ރަށުގެ ގޮނޑުދޮށް ހިމާޔަތްކޮށް، ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)ގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީ އަދި މާވަށު ކައުންސިލްގެ ރައީސް އަޙްމަދު މޫސާ ބައިވެރިވެވަޑައިގެންނެވިއެވެ.

ލ. މާވަށު ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތަކީ ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމް.ޓީ.ސީ.ސީ) އާއި ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢު އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފައިވަނީ 89,135,016.84 ރުފިޔާގެ އަގަށް، 540 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި މަޝްރޫޢުގެ ދަށުން ލ. މާވަށު ގިރާ ސަރަޙައްދުގައި ޖުމުލަ 1،112 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓާއި، 200 މީޓަރުގެ ޖިއޯބޭގް ގްރޮއިންއާއި، 524 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓާއި، 120 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖަހައި، ގޮނޑުދޮށް ވެލިން މުއްސަނދިކުރުން ހިމެނެއެވެ. މި މަސައްކަތް ނިމުމުން މާވަށުގެ ގިރުމުގެ މައްސަލައަށް ދިގުދެމިގެންދާ ހައްލެއް ލިބި، ރަށުގެ ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށް ބެލެވެއެވެ.