5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން މިސްކިތްތައް ފެހިކުރުމަށް އެހީތެރިކަން ފޯރުކޮށްދޭން މަޝްވަރާކޮށްފި
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ފެހިކުރުމުގެ މަޤްޞަދުގައި ހިންގާ 5 މިލިއަން ގަސް އިންދުމުގެ ގައުމީ މަޝްރޫޢުގެ ފަރާތުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއާގެ އިސްވެރިންނާއި ބައްދަލުކޮށްފިއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ މިސްކިތްތައް ފެހިކުރުމުގެ ޚާއްސަ ޕްރޮގްރާމެއް ހިމެނޭހެން، އިސްލާމީ ކަންތައްތަކާ ގުޅިފައިވާ ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ.
މިއަދު އިސްލާމީމަރުކަޒުގައި ބޭއްވުނު މި ބައްދަލުވުމުގައި، 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ އޮފިޝަލުންނާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މަޝްވަރާގައި، ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގެ ގޯތިތެރެއާއި ވަށައިގެންވާ ސަރަހައްދުތަކުގައި ގަސް އިންދައި، ފެހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެވުނެވެ. މިގޮތުން، މިސްކިތްތަކަކީ މުސްލިމް މުޖުތަމަޢުގެ މެދުގައި ވަރަށް ބޮޑު ގުޅުމެއް އުފައްދާ ތަންތަން ކަމުގައިވާތީ، މިސްކިތްތައް ފެހިކުރުމަކީ މާހައުލީ ރީތިކަމުގެ އިތުރުން، ރައްޔިތުންނަށް ފިނިމާހައުލެއް ބިނާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ދެފަރާތުން ވަނީ އެއްބަސްވެފައެވެ.
މި މަޝްރޫޢުގެ ދަށުން ގަސް އިންދުމަށް ބޭނުންވާ ގަސްތަކާއި އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުމާއި، ގަސްތައް ބެލެހެއްޓުމުގައި މިސްކިތްތަކަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. މި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން، މިސްކިތްތައް ފެހިކުރުމުގެ ޕްރޮގްރާމެއް ލަސްތަކެއްނުވެ ފަށައިގަތުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށީގެ ދާއިރާއަށް ދެއްވާ ޚާއްސަ ސަމާލުކަމުގެ ދަށުން ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި ގަސް އިންދުމަށް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ހޯދަމުންދާ ކަމަށް މަޝްރޫޢުގެ އޮފިޝަލުން ވިދާޅުވެއެވެ.