މަސްވެރިކަމަށް އިންވެސްޓު ކުރަނީ ރާއްޖޭގެ އިގްތިސޯދު ދިވެހީންގެ އަތްމައްޗަށް ގެނެސް ފުޅާކުރަން- ރައީސް
މަސްވެރިކަމުގެ ދާއިރާއަށް ސަރުކާރުން އިންވެސްޓުކުރަނީ މަސްވެރިކަމަށް މީހުން ނެރުމަށް ކަމަށާ ރާއްޖޭގެ އިގްތިސޯދު ދިވެހީންގެ އަތްމައްޗަށް ގެނެސް ފުޅާކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫއރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ އެމަނިކުފަނު ވެވަޑައިގެންނެވި ހުރިހާ ވައުދަކީވެސް ފުރިހަމަކަމާއެކު ނިންމާނެ ވައުދުތަކެއް ކަމަށެވެ. މި ސަރުކާރު ހަވާލުވިއިރު ރާއްޖެގެ އިގްތިސޯދު އޮތީ ފުން އަނދަވަޅުގަނޑެއްގެ ތެރޭގައި ކަމަށާ މަޗްރޫއުތައް ކުރިއަށް ގެންދެވޭނީ އިގްތިސޯދީ ގޮތުންވެސް ހަމަ މަގަށް އަޅުވައިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންވީމާ ވަޅު ގަނޑެއްގެ ތެރޭ އޮތް އިގްތިސޯދެއް ނަގާ ކޮޅަށްޖަހާ ހަމަ މަގަށް އެޅުވުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހުރިހަ ކަމެއްވެސް ކުރިއަށް ގެންދަނީ ވަކި ތަރުތީބެއްގެ ތެރެއިން ކަމަށާ އެއްވެސް ކަމެއް ހުއްޓިފައި ނުބާއްވާނެ ކަމަށާ އެއްވެސް ކަމެއް ނުކޮށް ނުބާއްވާނެ ކަމަށެވެ. އަދި އެމަނިކުފާނު ވެވަޑައިެގންނެވި ކޮންމެ ވައުދެއް ފުރިހަމަ އަށް ފުއްދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މަސްވެރިކަމުގެ ދާއިރާއަށް އަލިއަޅުވަލައްވަމުން ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަށް ސަރުކާރުން އިންވެސްޓު ކުރަނީ މީގެ ކުރިން މަސްވެރިކަމުގައި އުޅުމަށްފަހު މަސްވެރިކަމުން ދުރަށްގޮސް ތިބި މީހުން އަލުން އަނބުރާ މަސްވެރިކަމަށް ނެރުމުގެ މަގުސަދުގައި ކަމަށާ އަދި މިދާއިރާއަށް އަލަށް މީހުން ވެއްދުމަށް ކަމަށެވެ. އޭރުން މަސްވެރިކަން އާލަވެ ކުރިއަރާ ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ފުރުސަތުތައް ހުޅުވާލަނީ ރާއްޖޭގެ އިގްތިސޯދު ދިވެހީންގެ އަތް މައްޗަށް ގެނެސް ފުޅާކުރުމަށް ކަމަށެވެ. މިކަންކަން ކުރަނީ ރޭވުންތެރިކަމާއެކު ވަކި ޕްލޭނެއްގެ ތެރެއިން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
