އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާގެ ވަފުދެއް، މާލޭގެ އާސާރީ ތަންތަނަށް ޒިޔާރަތްކުރުން.
މެލޭޝިޔާގައި ހުންނަ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (IIUM) ގެ ރެކްޓަރ (ޕްރޮފެސަރ އެމެރިޓަސް ދާތޫ) ޑރ. ޢުޘްމާން ބިން ބަކްރު ހިމެނިވަޑައިގަންނަވާހެން އެ ޔުނިވަރސިޓީގެ ވަފުދެއްގެ ބޭފުޅުން މާލޭގެ އާސާރީ ތަންތަން ބައްލަވާލެއްވުމަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.
މި ވަފުދު ރާއްޖެއަށް މިކުރާ ޒިޔާރަތަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (IIUM) އަދި އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓް (IIIT) އީސްޓް އެންޑް ސައުތުއީސްޓް އޭޝިއާ އާ ގުޅިގެން ބޭއްވުނު ޚާއްޞަ ވޯރކްޝޮޕާއި ސެމިނާރު ކުރިއަށް ގެންދެވުމަށް ކުރައްވާ ޒިޔާރަތެކެވެ.
މި ވަފުދުގައި ޖުމްލަ 12 ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. މިއަދުގެ ޒިޔާރަތުގައި މި ބޭފުޅުން ވަނީ، ޤައުމީ ދާރުލްއާސާރު، މާލޭ ހުކުރު މިސްކިތް އަދި މެދުޒިޔާރަތަށް ޒިޔާރަތް ކުރައްވާފައެވެ. މި ތަންތަނަކީ ދިވެހިރާއްޖޭގެ މުއްސަނދި ތާރީޚާއި އިސްލާމީ ސަގާފަތާއި ދިވެހި ޙަޟާރަތުގެ މުހިންމު ހެކިތަކެކެވެ.
