logo
banner image

ޤައުމީ ދާރުލްއާސާރަށް 69 ސުކޫލު ދަރިވަރުންގެ ޒިޔާރަތެއް

ތަރިކައިގެ ދާއިރާގެ މަޢުލޫމާތު ލިބިގަނެ ތަޖުރިބާ ލިބިގަތުމަށް ޓަކައި، މި ހަފުތާގައި ޤައުމީ ދާރުލްއާސާރަށް ދެ ސުކޫލަކުން ޖުމުލަ 69 ދަރިވަރުން ވަނީ ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތުގައި ދަރިވަރުންނަށް ދިވެހި ތާރީޚާއި ސަގާފަތް ގާތުން ދެނެގަތުމުގެ ފުރިހަމަ ފުރުޞަތެއް ފަހިކޮށްދިނުމުގެ ގޮތުން ސުކޫލް މަދަރުސާތަކަށް، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ހުޅުވާލާފައިވާ ޕްރޮގުރާމެއްގެ ތެރެއިން ހަމަޖެހިގެން ގެންދަވާ ޒިޔާރަތްކުރުންތަކެކެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދެއްވި މަޢުލޫމާތުތަކަށް ބަލާއިރު، މި ޒިޔާރަތުގައި މުޙައްމަދު ޤާސިމް ޕްރީ ސުކޫލުން 65 ދަރިވަރުންނާއި ޠިބްޔާން ޕްރީސްކޫލުން 4 ދަރިވަރުންނާއި އެދަރިވަރުންނާއި އެކު 12 މުދައްރިސުން ޒިޔާރަތްކުރިއެވެ. މިކުދިންނަށް ވަނީ ޤައުމީ ދާރުލްއާސާރުގެ ތެރޭގައި ހިމެނޭ ތާރީޚީ އެތައް އެއްޗެއް ދައްކާލާފައެވެ.

މިފަދަ ޒިޔާރަތްތަކުގައި، ޤައުމީ ދާރުލްއާސާރުގައި މައުރަޒު ކުރެވިފައިވާ އާސާރުތައް ދަރިވަރުންނަށް ދައްކާލުމުގެ އިތުރުން، އެ އާސާރުތައް ބޭނުންކުރެވުނު ގޮތާއި ގުޅޭ މައުލޫމާތު ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ފަރާތުންވަނީ ފޯރުކޮށްދެއްވާފައެވެ. މީގެ މަޤްޞަދަކީ ދަރިވަރުންގެ ހިތްތަކުގައި ޤައުމީ ތަރިކައަށް އޮންނަ ލޯބި އިތުރުކޮށް، ދަރިވަރުން ދިވެހިރާއްޖޭގެ ތާރީޚަށް އަހުލުވެރިކުރުމެވެ.

މީގެ އިތުރުން، މި ޒިޔާރަތްތަކުގެ ތެރޭގައި، ދަރިވަރުންނަށް މާލޭގެ އާސާރީ މިސްކިތްތަކާއި ތަންތަންނަށްވެސް ދައްކާލެވުނެވެ. މިގޮތުން މާލޭ ހުކުރު މިސްކިތް، މެދުޒިޔާރަތް އަދި ކަޅުވަކަރު މިސްކިތާ ގުޅޭ މަޢުލޫމާތު ދިނުމުގެ އިތުރުން އެތަންތަން ގާތުން ބަލާލުމުގެ ފުރުޞަތު ވެސް ވަނީ ދެވިފައެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މަޢުލޫމާތު ދެއްވާ ގޮތުގައި، ޤައުމީ ދާރުލްއާސާރަށް ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ސްކޫލް ދަރިވަރުން ޒިޔާރަތްކުރެއެވެ. މި ކަމުގެ ސަބަބުން ދަރިވަރުންގެ މެދުގައި ޤައުމީ ތަރިކައަށް އޮންނަ ހޭލުންތެރިކަން އިތުރުވެ، ދިވެހި ސަގާފަތް ދެމެހެއްޓުމަށް އެހީތެރިވެދެއެވެ.