އޭ.ޑީ.ބީގެ ވަފުދުން ވަޒީރު ޑރ. ޢާއިޝަތު ޝިހާމްއާ ބައްދަލުކުރައްވައި ޖެންޑަރ އިންކްލޫސިވް އިނީޝިއޭޓިވްސްއާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނީޝިއޭޓިވްސް (އެސް.ޖީ.އައި.އައި) މަޝްރޫޢު ބަލަހައްޓަވާ ވަފުދެއް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި، އެސް.ޖީ.އައި.އައި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖެންޑަރ-އިންކްލޫސިވް ސިޔާސަތުތަކާއި އިޖްތިމާޢީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން، އެސް.ޖީ.އައި.އައި މަޝްރޫޢުގެ ސަބަބުން ޤައުމުގެ އިޖްތިމާޢީ ރައްކާތެރިކަން ހަރުދަނާ ކުރުމަށް މުހިންމު ދައުރެއް އަދާކުރާނެކަން ދެފަރާތުންވެސް ވަނީ ފާހަގަކުރައްވާފައެވެ.
އޭ.ޑީ.ބީ އިން ފޯރުކޮށްދެމުންދާ ފަންނީ އެހީތެރިކަމާއި ދެމެހެއްޓެނިވި ބައިވެރިވުން ފާހަގަކުރައްވައި ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވަނީ އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިފަދައިން ގުޅިގެން މަސައްކަތްކުރުމަކީ އެކުވެރި އަދި ހަމަހަމަ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު ޙާޞިލުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއްކަމުގައި ވެސް ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.
ހަމައެހެންމެ، ޖެންޑަރ ރެސްޕޮންސިވް އިޖްތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ފުޅާކުރުމަށް ރާއްޖެއަށް އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އޭ.ޑީ.ބީއިން ވެސް ވަނީ ދެއްވާފައެވެ.