logo
banner image

ޤައުމުގެ ތަރައްޤީއަށް އަންހެނުންގެ ހުނަރާއި ޤާބިލުކަން އިތުރަށް ބޭނުންކުރުމުގެ ފުރުޞަތު ފަހިކުރަމާ

މިލޭނިއަމް ޑިވެލޮޕްމަންޓް ގޯލްސް ނިމިގެން އޭގެ ލަނޑުދަނޑިތައް ހާސިލްކުރެވިފައިވާ މިންވަރު ދިރާސާ ކުރިއިރު ރާއްޖެއިން އެންމެ ފުރިހަމައަށް މިންތީގެ ހަމަހަމަކަން ޤާއިމްކުރެވިފައިވަނީ ތަޢުލީމީ ދާއިރާއިންނެވެ. ސާނަވީ ތަޢުލީމު ނިންމާ މަތީ ސާނަވީ ތަޢުލީމަށް ވަންނަ ކުދިންގެ އަދަދަށް ބަލާއިރުވެސް ގިނައީ އަންހެން ކުދިންނެވެ. އަދި މަތީ ސާނަވީ ތަޢުލީމު ފުރިހަމަކުރުމަށްފަހު، މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންގެ ތެރެއިންވެސް ގިނައީ އަންހެން ކުދިންނެވެ.

އެހެންނަމަވެސް، ވަޒީފާގެ މައިދާނަށް ނިކުމެ، ޤައުމީ ފެންވަރުގެ އިސް މަޤާމުތަކަށް ބަލާއިރު، އަންހެނުންގެ ނިސްބަތް ފިރިހެނުންނަށް ވުރެ ދަށެވެ. އެހެންކަމުން، މި ކަންބޮޑުވުން ޙައްލުކުރުމަށްޓަކައި، ގިނަ މަސައްކަތަކެއް މިހާރު ދަނީ ކުރެވެމުންނެވެ. މީގެ ތެރޭގައި، އަންހެން ދަރިވަރުންނަށް ޚާއްޞަކޮށްގެން ސްކޫލްތަކުގައި ލީޑަރޝިޕް ޕްރޮގްރާމްތައް ހިންގުމާއި، ނޭޝަނަލް ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގައިވެސް އަންހެނުންނާއި އަންހެން ކުދިން އިސް މަޤާމުތަކުގައި ނިސްބަތުން އިތުރުކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ.

ހަމައެހެންމެ، ޤައުމީ ފެންވަރުގައި އިސް މަޤާމުތަކަށް އަންހެނުން ގެނައުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަންޖެހޭ ސަބަބުތައް ދެނެގަތުމަކީ ވެސް މުހިންމު ކަމެކެވެ.

ދިވެހިރާއްޖެއަކީ ކުޑަ ޖަޒީރާ ޤައުމެއް ނަމަވެސް، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިމާވާ ގިނަގުނަ ގޮންޖެހުންތައް ދިވެހިރާއްޖެއަށްވެސް ކުރިމަތިވެފައިވެއެވެ. މިގޮތުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ދިރާސާކުރުމުގެ އިތުރުން، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަންހެނުންނާއި އަންހެން ކުދިންގެ ދައުރު އިންތިހާއަށް މުހިންމެވެ. މިއީ ހަމައެކަނި ލަނޑުދަނޑިއެއް ހާސިލުކުރުމަށް ކުރާ މަސައްކަތެއްގެ ބަދަލުގައި، މުޖުތަމަޢުގެ ކުރިއެރުމަށް ވެސް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަމެކެވެ. އާބާދީގެ ދެބައިކުޅަ އެއްބައި ހިއްސާކުރާ އަންހެނުންގެ ބައިވެރިވުމާ ނުލައި، މުޖުތަމަޢުގެ މައްސަލަތަކުގައި އެފަރާތްތަކުގެ ބޭނުންތަކަށް ރިޢާޔަތް ނުކުރެވޭނެކަމީ ބައިނަލްއަޤްވާމީ ފެންވަރުގައި ވެސް ޤަބޫލުކުރެވޭ ޙަޤީޤަތެކެވެ.

ހަމައެހެންމެ، އިސް މަޤާމުތަކުގައި އަންހެނުން ދައުރު އިތުރަށް ފުޅާކުރުމުގައި ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މުޖުތަމަޢުން ދެކޭގޮތެވެ. އެންމެ ތުއްތުއިރުއްސުރެ އަންހެން ކުދިން ތަރުބިއްޔަތު ކުރެވެނީ ނާޒުކު ދަރިންގެ ގޮތުގައެވެ. މީގެ ސަބަބުން، ކަންކަން ކުރުމުގައި ގިނަ ފަހަރަށް އެހެން މީހުންނަށް ބަރޯސާވުން ނުވަތަ އެހެން މީހުންގެ އެހީތެރިކަން ބޭނުންވާކަމުގެ އިޙުސާސް އެ ކުދިންގެ ކިބައިގައި އަށަގަނެއެވެ. މި ޤަބޫލުކުރުންތައް އުފެދެން ފަށަނީ ޢާއިލާ ތެރެއިންނާއި މުޖުތަމަޢުގައި އަންހެނުންނާއި އަންހެން ކުދިން ދައުރު ކަނޑައެޅިފައިވާ ގޮތުގެ ސަބަބުންނެވެ.

މި ކަންކަމުގެ ނަތީޖާއެއްގެ ގޮތުން، އަންހެން ކުދިންގެ އަމިއްލަ ނަފުސާމެދު ދެކޭގޮތް ނިކަމެތިވެ، ގެވެށި އަނިޔާއާއި އެހެނިހެން އަނިޔާތަކުގެ ޝިކާރައަކަށްވާ މިންވަރު އިތުރުވަމުންދެއެވެ. މި ކަންކަން ހުއްޓުވުމަށްޓަކައި ނުވަތަ ވިޔަނުދިނުމަށް، އަންހެން ކުދިންގެ ލީޑަރޝިޕް ހުނަރުތައް ކުރިއެރުވުމަކީ އެ ކުދިންގެ އަމިއްލަ ނަފުސާމެދު ދެކޭގޮތް ހަރުދަނާކޮށް، ބާރުވެރިކުރުވުމަށް މަގުފަހިވާނެ ކަމެކެވެ.

އިސް މަޤާމުތަކުގައި އަންހެނުން އަދާކުރާ ޚާއްޞަ ދައުރުތައް ގިނަ ގިނައިން ފާހަގަކޮށް، ނަމޫނާ ޝަޚްސިއްޔަތުތައް އިތުރުކުރުމަކީ އަންހެން ކުދިންގެ އަމިއްލަ ނަފުސަށް ކުރާ އިތުބާރުވެސް އިތުރުވެގެންދާނެ ކަމެކެވެ.

ޤައުމީ ފެންވަރުގައި އިސް މަޤާމުތަކަށް އަންހެނުންގެ ތަމްސީލު އިތުރުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، މި މަޤާމުތަކަށް ކުރިމަތިލާނެ ޤާބިލު އަންހެނުންގެ އަދަދު އިތުރުކުރުމަށްޓަކައި، އެކަމަށް ހުރަސްއަޅާ އިޖުތިމާޢީ އަދި ސަޤާފީ ހުރަސްތައް ނައްތާލުމަކީ ނުހަނު މުހިންމު ކަމެކެވެ. މިކަމުގެ ސަބަބުން، ޤައުމުގެ ތަރައްޤީއަށް އަންހެނުންގެ ހުނަރާއި ޤާބިލުކަން އިތުރަށް ބޭނުންކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.