ދިވެހި ތަރިކައިގެ "ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕް" ޕްރޮގްރާމަށް ކުރިމަތިލެއްވި ފަރާތްތަކަށް މައުލޫމާތު ދިނުން މިއަދު ކުރިއަށް ގެންގޮސްފި.
ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން އިސްނަގައިގެން ކުރިއަށްގެންދާ "ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕް" ޕްރޮގްރާމަށް ކުރިމަތިލެއްވި ފަރާތްތަކަށް މައުލޫމާތު ދިނުން މިއަދު ހަވީރު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އިސްވަރު އޮފީހުގައި ކުރިއަށް ގެންގޮސްފައިވާ ކަމަށް މަރުކަޒުން ވިދާޅުވެއްޖެއެވެ. މި ޕްރޮގްރާމަކީ ދިވެހި ޤައުމިއްޔަތު އިއާދަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ މަސައްކަތްޕުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަސައްކަތެކެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ޤައުމިއްޔަތުގެ ދާއިރާއިން ޢިލްމީ، ފިކުރީ އަދި ދިވެހި ޤައުމިއްޔަތުގެ ދާއިރާގެ ޚައިޞިއްޔަތަށް އިސްކަމެއް ދެއްވައި، ތަރިކައިގެ ދާއިރާއިގެ ދިރާސާތައް ކުރުމާއި އެ ދިރާސަތައް ޝާއިޢުކުރެވޭނެ މަގު ފަހިކޮށްދިނުމެވެ. ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ހާމަކުރެއްވި ގޮތުގައި، މިފަދަ ފުރުޞަދެއްގެ މަޤްޞަދަކީ ދިވެހި ތަރިކައިގެ ޢިލްމު އުފައްދައި، ޤާބިލު ތަރިކަވެރީންތަކެއް އުފެއްދުމެވެ.
މި ޕްރޮގްރާމް ކުރިއަށްދާނީ ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ ގުޅިގެން އެ ޔުނިވަރސިޓީގެ "މާސްޓަރސް އިން ރިސަރޗް އެންޑް ޕަބްލިކޭޝަން" ޕްރޮގްރާމްގެ ދަށުންނެވެ.
މި ސްކޮލަރޝިޕްގެ ދަށުން ހިންގާ ދިރާސީ މަސައްކަތްތަކުގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ. މި މުއްދަތުގެ ތެރޭގައި ކޮންމެ މަހަކު ދެ ދުވަހު ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގައި ޢިލްމީ ހޯދުންތަކާ ގުޅޭ މަސައްކަތް މި ސްކޮލަރޝިޕްގެ ބައިވެރިން ކުރަން ޖެހޭނެއެވެ.
މި ސްކޮލަރޝިޕްގައި ބައިވެރިވާ ފަރާތްތަކަށް ތަރިކައިގެ ދާއިރާގެ ކޮންމެވެސް އެއް ފަންނެއް ޢިލްމީ ގޮތެއްގައި ފުންކޮށް ދަސްކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، ތަރިކައިގެ ދާއިރާގެ ޢިލްމީ އަދި ދިރާސީ ފޮތްތައް ޝާއިޢުކުރުމުގެ ފުރުޞަތު ވެސް ބައިވެރިންނަށް ލިބިގެންދާނެ ކަމަށް ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން މައުލޫމާތު ދެއްވައެވެ.
