logo
banner image

"ނާދީއަށް އަންނަން ފެށުމާއެކު، ނާދީގެ މެންބަރުންނާއެކު އުފެދިގެން ދިޔައީ އެއްބަނޑު އެއްބަފާކަމުގެ ގުޅުމެއް. ހުރިހާ ރަޙްމަތްތެރިން އެއްތަންވެފައި ތިބެނިކޮށް ފެނުނީމާ، ބުނެދޭން ނޭނގޭ ކަހަލަ ހިތްހަމަޖެހުމެއް ލިބޭ." ޚަދީޖާ އަބޫބަކުރު

އިސްރަށްވެހިންގެ ނާދީގެ މެންބަރެއް ކަމުގައިވާ ޚަދީޖާ އަބޫބަކުރު ނާދީއާ ފުރަތަމަ ގުޅުނީ ޢާއިލާގެ ކުއްޖެއްގެ ފަރާތުން ނާދީގެ ޚަބަރު ލިބިގެންނެވެ.

ފުރަތަމަ ފަހަރަށް ނާދީއަށް އަންނަން ފެށި އިރު، އެހާ ގިނަ ރައްޓެހިން ނެތް ނަމަވެސް، ނާދީއަށް ގިނައިން އަންނަން ފެށުމާއެކު، ނާދީގެ މެންބަރުންނާއެކު އުފެދިގެން ދިޔައީ އެއްބަނޑު އެއްބަފާކަމުގެ ގުޅުމެއް ކަމަށް ޚަދީޖާ ސިފަކުރެއެވެ. އަދި މިހާރު ހުރިހާ މެންބަރުންނަކީވެސް ވަރަށް ގާތް ރަޙްމަތްތެރިން ކަމަށް އޭނާ ފާހަގަކުރިއެވެ.

ޚަދީޖާ އިތުރަށް ބުނީ، ނާދީއިން ވަރަށް ގިނަ އައު ކަންކަން ދަސްވެފައިވާ ކަމަށެވެ. މިގޮތުން ކަސްތަރުކުރުމާއި، ބަންޖާއި ރައިވަރު ކިޔުމާއި، ޤުރުއާން ކްލާހުގެ އިތުރުން، ވޫލް އިން ތަފާތު އެއްޗެހި ހަދަން ދަސްކުރުމާއި، ދިވެހިންގެ އާދަކާދައާ ގުޅިފައިވާ ސަގާފީ އަތްތެރިކަމުގެ މަސައްކަތްތައް ދަސްކުރުމުގެ ފުރުޞަތުވެސް ނާދީއިން ލިބިފައިވާކަން އޭނާ ފާހަގަކުރިއެވެ. އަދި މިފަދަ ހުނަރުތައް ދަސްކުރަން ލިބުމުން ވަރަށް އުފާވާ ކަމަށް އޭނާ ބުންޏެވެ.

ގޭގައި ހުސް ވަގުތު ތިބުމުގެ ބަދަލުގައި ނާދީއާ ގުޅިގެން ހަރަކާތްތެރިވުމަށް ޚަދީޖާ ހުރިހާ އިސްރަށްވެހިންނަށް ގޮވައިލިއެވެ. ޚަދީޖާ ބުނި ގޮތުގައި ނާދީއަށް އައިސް މީހުންނާ ބައްދަލުވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހި، އުފާވެރިކަން ލިބެއެވެ. ޚާއްސަކޮށް، ހުރިހާ ރަޙްމަތްތެރިން އެއްތަންވެފައި ތިބެނިކޮށް ފެނުނީމާ، ބުނެދޭން ނޭނގޭ ކަހަލަ ހިތްހަމަޖެހުމެއް ލިބޭ ކަމަށް ޚަދީޖާ އުފަލާއެކު ފާހަގަކުރެއެވެ.