logo
banner image

ކުޅިވަރުގައި ކޮރަޕްޝަން މަދުކުރުމުގެ ގޮތުން "ޕަޗަސް"ގެ ނަމުގައި މިއަދު ކެމްޕެއިނެއް ފަށައިފި

ކުޅިވަރުގެ އެކި ކަންކަމުގައި ކޮރަޕްޝަންގެ ކަންކަން ހުއްޓުވުމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ކުޅިވަރު ވުޒާރާ ގުޅިގެން، "ޕަޗަސް" ގެ ނަމުގައި ޚާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.

"ޕަޗަސް" ކެމްޕެއިން ލޯންޗްކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް އާއި ކުޅިވަރު ވުޒާރާގެ އިސްވެރިންގެ އިތުރުން އޭސީސީގެ ރައީސް އާދަމް ޝާމިލް އެ އިދާރާގެ މުވައްޒަފުން ބައިވެރިވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވީ، ކުޅިވަރަކީ އިންސާނާގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި އަހުލާގު ބައްޓަންކުރުމަށް މުހިންމުކަމަކަށްވާއިރު، ކުޅިވަރުގެ ތެރޭގައި ނަޒާހަތްތެރިކަން ހުރުން މުހިންމުކަމަށެވެ.

މިގޮތުން ކުޅިވަރަކީ އެކަކު އަނެކަކު އިހުތިރާމްކޮށް، ކަންތައްތައް ކުރާއިރު އެންމެނަށް ހަމަހަމަކަން ގެނެސްދިނުމުގެ ގޮތުން "ފެއާޕްލޭ" ޕްރޮމޯޓްކުރާ ކަމެއް ކަމަށާއި، މިފަދަ ކެމްޕެއިނެއްގެ ސަބަބުން ކުޅިވަރުގެ ކަންކަމުގައި އިހުލާސްތެރިކަން އިތުރު ވާނެކަމަށެވެ.