logo
banner image

އޯގާތެރި މުޖުތަމަޢެއް ބިނާކުރުން - ނާޒުކު ހާލުގައި ދިރިއުޅޭ ފަރާތްތަކަށް އަޅާލުން

މުޖުތަމަޢެއްގެ ހަޤީޤީ އަގު ވަޒަންކުރެވެނީ އެ މުޖުތަމަޢެއްގެ ތަރައްޤީއާއި ކުރިއެރުމުގެ މައްޗަށް އެކަނި ބިނާކޮށެއް ނޫނެވެ. އޭގެ ބަދަލުގައި، އެ މުޖުތަމަޢެއްގައި އެންމެ ނާޒުކު ހާލަތުގައި ތިބި ފަރާތްތަކާމެދު ޢަމަލުކުރާ ގޮތުގެ މައްޗަށެވެ. އެ ފަރާތްތަކަށް ރައްކާތެރި، އޯގާތެރި އަދި ޝާމިލު މާޙައުލެއް ބިނާކުރުމަކީ އެންމެންގެ ވެސް ޒިންމާއެކެވެ.

އެގޮތުން، އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމަޢުގެ ޚާއްޞަ އަޅާލުމާއި ލޯތްބަށް ބޭނުންވެފައިވާ ބައެކެވެ. އުމުރުން ދުވަސްވުމާއެކު އެކި ބާވަތުގެ ޞިއްޙީ މައްސަލަތައް ކުރިމަތިވެއެވެ. މީގެ ތެރެއިން ބައެއް ފަރާތްތަކަކީ އެނދުމަތިވެ، އަބަދުވެސް އެހެން މީހެއްގެ އެހީތެރިކަމަށް ބަރޯސާވާންޖެހޭ ފަރާތްތަކެވެ. އެހެންކަމުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އެއްފަދައިން، އުމުރުން ދުވަސްވާ ފަރާތްތަކަށްވެސް މުޖުތަމަޢުގެ ފަރާތުން ލިބެންޖެހޭ ލޯތްބާއި، އަޅާލުމާއި އަދި އެހީތެރިކަމަކީ ނުހަނު މުހިންމު ކަމެކެވެ.

މުޖުތަމަޢެއްގެ ގޮތުގައި، އަޅުގަނޑުމެންގެ ތެރެއިން އެންމެ ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުގެ ޢިއްޒަތާއި ކަރާމާތް ރައްކާތެރިކޮށް، އެފަރާތްތަކަށް އެހީތެރިވުމަކީ އަޅުގަނޑުމެން އެންމެންގެ މައްޗަށް ލާޒިމު ޒިންމާއެކެވެ. ސީދާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަން ނެތް ހާލަތުގައި ވިޔަސް، އެފަރާތްތަކަށް އެއްވެސް ގޮތަކުން ގެއްލުމެއް ލިބިދާނެ ފަދަ ޢަމަލުތަކުން ދުރުހެލިވުމަކީ އަޅުގަނޑުމެންގެ ވާޖިބެކެވެ. އެގޮތުން، އެފަރާތްތަކާ މެދު ނޭދެވޭ ގޮތަކަށް ވާހަކަދެއްކުމާއި، އެފަރާތްތައް އިޖްތިމާޢީ ގޮތުން އެކަހެރިކުރުން ފަދަ ކަންކަމުން އެއްކިބާވާންޖެހެއެވެ.

ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ޚާއްޞަކޮށް އުމުރުން ދުވަސްވީ ފަރާތްތަކަށް އެކަނި ބަލާލަމާ ހިންގާށެވެ. އެމީހުންނަކީ މިއަދުގެ ޖީލު ތަރުބިއްޔަތުކޮށް، އަޅުގަނޑުމެންނަށް މިހާރު ލިބިފައިވާ ފުރުޞަތުތަކަށް މަގުފަހިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ފަރާތްތަކެކެވެ. އެމީހުންގެ ތަޖުރިބާތަކާއި، ވާހަކަތަކާއި، ޙިކުމަތްތެރި ބަސްތަކަކީ ހަމައެކަނި ހަނދާންތަކެއް ނޫނެވެ. އެއީ މުސްތަޤުބަލު ބިނާކުރުމަށް މަގުދައްކައިދޭ އަގުހުރި މަޢުލޫމާތުތަކެކެވެ. އަދި ހަމައެހެންމެ، އުފާވެރި ޢާއިލާތައް ބިނާކުރުމުގެ އެންމެ މުހިންމު ތަނބުކަމުގައިވެސް އެފަރާތަތައް ހިމެނެއެވެ. އެހެންކަމުން، އެފަރާތްތަކަށް އަޅާލުމާއި، ލޯތްބާއި، އިޙްތިރާމާއި، ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ މައްޗަށް ލާޒިމު އިޖްތިމާޢީ ޒިންމާއެކެވެ.

އުމުރުން ދުވަސްވީ މީހުންނަށް އޯގާތެރި މާޙައުލެއް ބިނާކުރުމަކީ އިޖުތިމާޢީ ވުޒާރާގެ ސިޔާސަތުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ. މި ސިޔާސަތުގެ ދަށުން، މި ފަރާތްތަކުގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމާއެކު، އެ ފަރާތްތަކުގެ އަސާސީ ޙައްޤުތަކާއި، އުންމީދުތަކާއި އަދި އަސާސީ ބޭނުންތައް ފުއްދައިދިނުމަށް ޚާއްޞަ އިސްކަމެއް ދެވެއެވެ.

އެގޮތުން، އުމުރުން ދުވަސްވީ މީހުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ޔަޤީން ކޮށްދިނުމަށްޓަކައި ތަފާތު ޚިދުމަތްތައް ހިމެނޭގޮތަށް ރާއްޖޭގެ އުތުރު، ދެކުނު އަދި މެދުރާއްޖެތެރޭގައި މަރުކަޒުތަކެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގަންނަވާފައިވާ ވަރަށް މުހިއްމު ވަޢުދުފުޅެކެވެ. އެގޮތުން، އެމަނިކުފާނުގެ މި ވަޢުދުފުޅާ އެއްގޮތްވާ ގޮތުގެމަތިން މުޖުތަމަޢުގައި މި ފަރާތްތަކުގެ ދައުރު ފުޅާކުރުމަށާއި، އެފަރާތްތަކުގެ ސިއްޙީ، ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން 'އިސްރަށްވެހިންގެ ނާދީ' ގެ ނަމުގައި މާލޭ ސިޓީ އަދި ހުޅުމާލެ ދެވަނަ ދިޔަވަހީގައި އިސްރަށްވެހިންނަށް ޚާއްސަކުރެވިގެން އިޖުތިމާޢީ މަރުކަޒުތައް ވަނީ ހުޅުވާލެވިފައެވެ. އަދި، މިފަދަ ޖާގަތައް އަތޮޅުތެރޭގައި ޤާއިމްކުރުމުގެ މަސައްކަތްތައްވެސް ކައުންސިލްތަކާއި އެކު މިހާރު އަންނަނީ ކުރެވެމުންނެވެ.

މީގެ އިތުރުން، މި ވުޒާރާއިން އަންނަނީ، އުފާވެރި މާހައުލަކުން އިސްރަށްވެހިން އެކަކު އަނެކަކާއި ބައްދަލުވެ ޚިޔާލު ބަދަލް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަޤުސަދުގައި 'އުފާވެރި ރާސްތާ' ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއްވެސް ހިންގަމުންނެވެ. މި ޕްރޮގްރާމުގައި އިޖުތިމާޢީ އަދި ސިއްހީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބުމަށް ސަމާލުކަންދޭންވީ މުހިންމުކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމާއި، އިސްރަށްވެހިންގެ ދިރިއުޅުމުގެ ތަޖުރިބާތައް މި ޖީލާއި ހިއްސާކޮށްލުމުގެ ފުރުޞަތު ވެސް ލިބިގެންދެއެވެ.

މުޖުތަމަޢުގެ ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންނަކީ، މުޖުތަމަޢުގައި އަބަދުވެސް މުހިންމު ދައުރެއް އަދާކުރާނެ ބައެކެވެ. ހަމަހަމަ އަދި އޯގާތެރި މުޖުތަމަޢެއް ބިނާކުރެވޭނީ، މީހެއްގެ އުމުރަށް ނުވަތަ ޤާބިލުކަމަށް ބެލުމެއްނެތި، ކޮންމެ ފަރުދަކީވެސް މުހިންމު، މުޖުތަމަޢުގައި ޝާމިލުވާ އަދި އިޙްތިރާމް ލިބިގެންވާ ބައެއްގެ ގޮތުގައި ދެކިގެންނެވެ.