ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އުފައްދާ އުފެއްދުމެއްކަން އަންގައިދޭ "ޝާމިލް ލޯގޯ"އާ ގުޅޭ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އުފައްދާ އުފެއްދުމެއްކަން އަންގައިދޭ ޝާމިލް ލޯގޯއާ ގުޅޭ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.
މި މަސައްކަތު ބައްދަލުވުމުގައި އަލިއަޅުވާލާފައިވަނީ ލޯގޯ ފަރުމާކުރުމާއި، ސެޓިފިކޭޝަންގެ މިންގަނޑުތައް ކަނޑައެޅުމާއި، ސެޓިފިކޭޝަންގެ އުސޫލުތައް ވެލިޑޭޓްކުރުމުގެ މައްޗަށެވެ. އެއާއެކު، ލޯގޯ ތަޢާރަފުކުރުމާއި، އޮތެންޓިކް މޯލްޑިވްސްގެ އައުޓްލެޓްތަކުން ވިއްކުމަށް އުފެއްދުންތައް ސެޓިފައިކުރުމާއި، އަދި އެކި އޮންލައިން ޕްލެޓްފޯމްތަކުގެ ޒަރީޢާއިން އެ އުފެއްދުންތައް މާކެޓުކޮށް، އެންމެ އެދެވޭ ގޮތުގައި ލޯގޯ ބޭނުންކުރެވޭކަން މޮނިޓަރކުރުމުގެ މައްޗަށްވެސް މި މަސައްކަތުބައްދަލުވުމުގައި މަޢުލޫމާތު ފޯރުކޮށްދެވުނެވެ.
ޝާމިލް ލޯގޯއަކީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ގުޅިގެން، ތަޢާރަފުކުރުމަށް ހަމަޖެހިފައިވާ ލޯގޯއެކެވެ. މި ލޯގޯގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި، އުފެއްދުންތެރިކަމާއި، ކަންކަމުގައި އެފަރާތްތަކުގެ ހިއްސާ ރަމްޒުކޮށްދޭ "ބްރޭންޑް އައިޑެންޓިޓީއެއް" ޤާއިމްކުރުމެވެ. ހަމައެހެންމެ، މި ލޯގޯއަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހިންގާ ކުދި ވިޔަފާރިތަކަށް އެހީތެރިވެދޭ، އެފަރާތްތައް މުޖުތަމަޢުގައި ޝާމިލުކޮށް، ބާރުވެރިކުރުވާ ޤައުމީ ނިޝާނަކަށް ވެގެންދާނެއެވެ.
މީގެ އިތުރުން، މި ލޯގޯގެ މަޤްޞަދުތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކުރާނެ މަންސައެއް ޤާއިމުކުރުމާއި، އެފަރާތްތަކުގެ އުފެއްދުންތެރި މަސައްކަތްތަކާ މެދު އާންމުންގެ މެދުގައި މަޤުބޫލުކަން އިތުރުކުރުން ހިމެނެއެވެ. އުންމީދަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތަކުގައި މި ޚާއްޞަ ލޯގޯ ބޭނުންކުރުމުން، އެފަރާތްތަކުގެ ވިޔަފާރިތައް ކުރިއަރައި، މުޖުތަމަޢުގައި އެފަރާތްތައް އިތުރަށް ބާރުވެރިވެގެން ދިއުމެވެ.
މި މަސައްކަތަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުރިއެރުން ލިބޭނެ، ޝާމިލު އިޤްތިޞާދެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.