logo
banner image

"ކުރިމަގު ސައްލާ" ލ. އިސްދޫ / ކަލައިދޫ ގައި މާދަމާ އޮންނާނެ

ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ ޤައުމީ ތަރައްޤީގެ ޕްލޭނަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށްގެންދާ "ކުރިމަގު ސައްލާ" ލ. އިސްދޫ / ކަލައިދޫ ގައި މާދަމާ އޮންނާނެ އެވެ.

"ކުރިމަގު ސައްލާ" ބައްދަލުވުން އޮންނަ ތަނާއި ވަގުތު، "ރެސިލިއަންޓް މޯލްޑިވްސް 2045" ގެ ފޭސްބުކް ޕޭޖް އިންނާއި ރަށު ކައުންސިލް އިދާރާ މެދުވެރިކޮށް ރައްޔިތުންނާއި ހިއްސާކުރަމުން ގެންދާނެ އެވެ.

މި ބައްދަލުވުމުގައި ބައިވެރިވެ ކުރިއަށްއޮތް 20 އަހަރަށް ރަށާއި ޤައުމުގެ ތަސައްވުރު އެކުލަވާލުމަށް ޚިޔާލާއި މަޝްވަރާ ދެއްވުމުގެ ފުރުސަތު ރަށުގެ ހުރިހާ ރައްޔިތުންނަށް ވަނީ ހުޅުވާލާފަ އެވެ.

"ކުރިމަގު ސައްލާ" އަކީ ޤައުމީ ތަރައްޤީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045" އަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ސައްލާ އެކެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް ރައްޔިތުންނާއި ބައްދަލުކޮށް ޚިޔާލު އެއްކުރުމަށް ހަރަކާތްތެރިވަނީ، މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް އެވޯޑްކޮށްފައިވާ ކޮންސަލްޓެންޓް، ނެކްސިޔާ މޯލްޑިވްސްގެ ޓީމް ތަކުންނެވެ.

"ވިލުންތެރި ރާއްޖެ" ޤައުމީ ތަރައްޤީގެ ޕްލޭން އަކީ، ޤާނޫނީ ފުރިހަމަ ބާރުވެރިކަން ލިބިދެވޭގޮތަށް އެކުލަވާލުމަށް ތައްޔާކުރަމުންދާ ޕްލޭނެކެވެ. މި ޕްލޭން ވެގެންދާނީ ކުރިއަށްއޮތް 20 އަހަރުގެ ތެރޭގައި، ރާއްޖޭގެ ތަރައްޤީގެ ކަންކަން ރާވާ ހިންގުމުގައި އަމަލުކުރަންޖެހޭ އަދި އޭގައި ރައްޔިތުން ހިމަނުއްވާ ކަންކަން ތަންފީޒުކުރެވިގެންދާނެ ޕްލޭނަކަށެވެ.