ރައްޔިތުންގެ މަޝްވަރާ ބައްދަލުވުން "ކުރިމަގު ސައްލާ" މިރޭ މާވަށުގައި ބާއްވަނީ
ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ ޤައުމީ ތަރައްޤީގެ ޕްލޭނަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށްގެންދާ "ކުރިމަގު ސައްލާ" މިރޭ ލ. މާވަށު ގައި އޮންނާނެ އެވެ.
ރައްޔިތުންގެ މަޝްވަރާ ބައްދަލުވުން "ކުރިމަގު ސައްލާ" މާވަށު ގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 20:15 ގައި އިޖުތިމާއީ މަރުކަޒު ގައެވެ.
މި ބައްދަލުވުމުގައި ބައިވެރިވެ ކުރިއަށްއޮތް 20 އަހަރަށް ރަށާއި ޤައުމުގެ ތަސައްވުރު އެކުލަވާލުމަށް ޚިޔާލާއި މަޝްވަރާ ދެއްވުމުގެ ފުރުސަތު ރަށުގެ ހުރިހާ ރައްޔިތުންނަށް ވަނީ ހުޅުވާލާފަ އެވެ.
"ކުރިމަގު ސައްލާ" އަކީ ޤައުމީ ތަރައްޤީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045" އަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ސައްލާ އެކެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް ރައްޔިތުންނާއި ބައްދަލުކޮށް ޚިޔާލު އެއްކުރުމަށް ހަރަކާތްތެރިވަނީ، މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް އެވޯޑްކޮށްފައިވާ ކޮންސަލްޓެންޓް، ނެކްސިޔާ މޯލްޑިވްސްގެ ޓީމް ތަކުންނެވެ.
"ވިލުންތެރި ރާއްޖެ" ޤައުމީ ތަރައްޤީގެ ޕްލޭން އަކީ، ޤާނޫނީ ފުރިހަމަ ބާރުވެރިކަން ލިބިދެވޭގޮތަށް އެކުލަވާލުމަށް ތައްޔާކުރަމުންދާ ޕްލޭނެކެވެ. މި ޕްލޭން ވެގެންދާނީ ކުރިއަށްއޮތް 20 އަހަރުގެ ތެރޭގައި، ރާއްޖޭގެ ތަރައްޤީގެ ކަންކަން ރާވާ ހިންގުމުގައި އަމަލުކުރަންޖެހޭ އަދި އޭގައި ރައްޔިތުން ހިމަނުއްވާ ކަންކަން ތަންފީޒުކުރެވިގެންދާނެ ޕްލޭނަކަށެވެ.