"ކުރިމަގު ސައްލާ" އިއްޔެރޭ ޅ. ކުރެންދޫ ގައި ބާއްވައިފި
ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ ޤައުމީ ތަރައްޤީގެ ޕްލޭނަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށްގެންދާ "ކުރިމަގު ސައްލާ" އިއްޔެރޭ ޅ. ކުރެންދޫ ގައި ބާއްވައިފި އެވެ.
ކުރިމަގު ސައްލާ ބައްދަލުވުން ބޭއްވީ ކުރެންދޫ ސެޕްޓެމްބަރ 30ވަނަ ދުވަހުރޭ 20:15 ގައި ކުރެންދޫ "ޕްރީސްކޫލް" ގައެވެ.
"ކުރިމަގު ސައްލާ" އަކީ ޤައުމީ ތަރައްޤީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045" އަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ސައްލާ އެކެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް ރައްޔިތުންނާއި ބައްދަލުކޮށް ޚިޔާލު އެއްކުރުމަށް ހަރަކާތްތެރިވަނީ، މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް އެވޯޑްކޮށްފައިވާ ކޮންސަލްޓެންޓް، ނެކްސިޔާ މޯލްޑިވްސްގެ ޓީމް ތަކުންނެވެ.
"ވިލުންތެރި ރާއްޖެ" ޤައުމީ ތަރައްޤީގެ ޕްލޭން އަކީ، ޤާނޫނީ ފުރިހަމަ ބާރުވެރިކަން ލިބިދެވޭގޮތަށް އެކުލަވާލުމަށް ތައްޔާކުރަމުންދާ ޕްލޭނެކެވެ. މި ޕްލޭން ވެގެންދާނީ ކުރިއަށްއޮތް 20 އަހަރުގެ ތެރޭގައި، ރާއްޖޭގެ ތަރައްޤީގެ ކަންކަން ރާވާ ހިންގުމުގައި އަމަލުކުރަންޖެހޭ އަދި އޭގައި ރައްޔިތުން ހިމަނުއްވާ ކަންކަން ތަންފީޒުކުރެވިގެންދާނެ ޕްލޭނަކަށެވެ.