ޤައުމަށް ހެޔޮއެދޭ ތަރައްޤީ ފިކުރަށް ލޯބިކުރާ ގިނަ ރައްޔިތުން ތިބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު: މިނިސްޓަރ އާދަމް ޝާރީފު ޢުމަރު
ޤައުމަށް ހެޔޮއެދޭ ތަރައްޤީ ފިކުރަށް ލޯބިކުރާ ގިނަ ރައްޔިތުން ތިބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝާރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އާދަމް ޝަރީފު ޢުމަރު މިހެން ވިދާޅުވީ ޕީއެންސީން ރޭ ބޭޢްވި ހަރުގެ ޖަލްސާއާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ހަރުގެ ޖަލްސާގެ ވީޑިޔޯއަކާއެކު މިނިސްޓަރ ކުރެއްވި މި ޕޯސްޓްގައި ވިދާޅުވެފައި ވަނީ ޤައުމަށް ހެޔޮއެދޭ ތަރައްޤީ ފިކުރަށް ލޯބިކުރާ ގިނަ ރައްޔިތުން ތިބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކުގައިކަން ޕީއެންސީގެ ޖަލްސާއިން ވަރަށް ސާފުކޮށް އެނގިވަޑައިގެންފި ކަމަށެވެ.
"ކޮރޮޕްޝަނާ، ވައްކަމާ ދެކޮޅަށް ނިކުންނަންވާނީ ފަސްބައި ސާފު، ވައްކަންނުކުރާ، ޚިޔާނާތްތެރިނުވާ މީހުން" މިނިސްޓަރގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.
ރާއްޖޭގެ ރައްޔިތުންނަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ފަދައިން ރައީސުލްޖުމްހޫރީއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު، މި ޤައުމުގެ ދަރަނި އޮތީ މީގެ ކުރިިން އެއްވެސް ސަރުކާރަކުން ނުއުފައްދާ މިންވަރަށް އެމްޑީޕީ ސަރުކާރުން އުފައްދާފައެވެ. ކަންމިހެން އޮތުމުން ތަރައްޤީގެ ބައެއް ކަންތައް ފުރަތަމަ ދޮޅު އަހަަރު މަޑުޖައްސާލައި، ފައިސާ ޗާޕުނުކޮށް އިޤްތިޞާދީ ގޮތުން ޤައުމު ހަމަމަގަށް އަޅުވައި ތަރައްޤީގެ ކަންތައް ބާރު ސްޕީޑްގައި ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ވަނީ ފައްޓަވައިފައެވެ. ބޮޑެތި ޕްރޮޖެކްޓްތައް ހުއްޓުމެއް ނެތި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު އަންނަނީ ހިނގަމުންނެވެ.