logo
banner image

ބައިނަލްއަޤްވާމީ އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމަށް ޚާއްސަ ޕެނަލް ޑިސްކަޝަނެއް ބާއްވައިފި

ބައިނަލްއަޤުވާމީ އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމަށް ޚާއްސަ ޕެނަލް ޑިސްކަޝަނެއް ބާއްވައިފިއެވެ.

މިއަދު ޓެލެވިޝަން މޯލްޑިވްސްގައި ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންގައި ބައިވެރިވެފައިވަނީ، އިސްރަށްވެހިންގެ ތެރެއިން ތަފާރު ރޮނގުރޮނގުން ފާހަގަކޮށްލެވޭ ބޭފުޅުން ކަމުގައިވާ ސަލްވާ ހުސައިން، ނަސްރީނާ އަބްދުﷲ، ފަހީމާ އަބްދުލްޤާދިރު، ޖުވައިރިޔާ ވަޖުދީއެވެ. މި ޕެނަލް މޮޑެރޭޓްކޮށްދީފައިވަނީ ރުގިއްޔާ ވާފިރާ އެވެ.

މި ޕެނަލް ޑިސްކަޝަންގެ ތެރެއިންވަނީ އިސްރަށްވެހިންގެ އުއްމީދުތަކާއި، އަމާޒުތަކާއި އަދި މުޖުތަމަޢުން މިކަންކަން ދެނެގަނެ، މާނަހުރި ގޮތެއްގައި އެމީހުންގެ މިކަންކަމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި ބެހޭގޮތުން، މަޝްވަރާކޮށް ހިޔާލުހޯދާފައެވެ. އެގޮތުން، އިސްރަށްވެހިންނަކީ އެމީހުންގެ މުޅި އުމުރު ޤައުމު ބިނާކުރުމަށް، ދަރިން ބިނާކުރުމަށް ނުވަތަ މުޖުތަމައު ބިނާކުރުމަށް ހޭދަކޮށްފައިވާ ޚިދުމަތްތެރިންކަމުގައި ވީނަމަވެސް، އިސްރަށްވެހިން އަދިވެސް ހުވަފެންތަކެއް ދެކެމުންއަންނަކަމުގައި ބައިވެރި ފާހަގަކުރިއެވެ. އަދި މި އަމާޒަށް ވާސިލުވެވޭ ފަދަ މާހައުލެއް އުފެއްދުމަކީ އެންމެންގެ ޒިންމާއެއްކަމާއި އެކަން ހާސިލްކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭނެކަމުގައި ވެސް ބައިވެރިން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، އިސްރަށްވެހިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާޢި ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ބައިވެރިވަނީ ހިޔާލު ބަދަލުކޮށްފައެވެ. އެގޮތުން، އިސްރަށްވެހިންގެ ދުޅަހެޔޮކަމަކީ އެބޭފުޅުންގެ އަސާސީ ހައްޤެއް ކަމަށާއި، އިސްރަށްވެހިންގެ ދުޅަހެޔޮކަމަށް ވިސްނާއިރު ހަމައެކަނި ސިއްޙީ ފަރުވާއަށް ވިސްނުމުގެ ބަދަލުގައި އިޖްތިމާއީ ގުޅުންތަކާއި ޤަދަރާއި އިޚްތިރާމް އަދާކުރުމާއި ދިރިއުޅުމުގެ ހުރިހާ ދާއިރާއަކުން ވެސް އިސްރަށްވެހިންނަށް އިސްކަމެއްދީ އެމީހުންގެ ދުޅަހެޔޮކަމަށް މަސައްކަތްކުރެވިދާނެކަން ޕެނަލިސްޓުންގެ ވާހަކަތަކުން ވަނީ އަލިއަޅުވާލާފައެވެ.

ހަމައެހެންމެ، އިސްރަށްވެހިންނާ ގުޅުންހުރި ކަންކަން ހަރުދަނާކުރުމަށް ރަށު ފެންވަރުގަޔާއި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ލީޑަޝިޕް ދައުރު އަދާކުރުމަށް އިސްރަށްވެހިން ބާރުވެރިކުރުވާނެ ގޮތްތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބައިވެރިން ވިދާލުވެފައިވަނީ، އެކި ރޮނގުރޮގުން އިސްރަށްވެހިންގެ ދިގުމުއްދަތުގެ ތަޖުރިބާއަކީ އަގުހުރި ވަސީލަތެއް ކަމަށާއި، އަދި މި ތަޖުރިބާގެ ބޭނުންކޮށްގެން މުޖުތަމައަށް ފައިދާކުރަނިވި އެތައް ކަމެއް ހާސިލުކުރެވިދާނެކަމަށެވެ. އެހެންކަމުން، މުޖުތަމައުގެ ކަންކަން ނިންމުމުގައި، އަދި އިސްރަށްވެހިންނާ ގުޅުންހުރި ކަންކަން ނިންމުމުގައި، އެ ފަރާތްތަކުގެ ޚިޔާލުތައް ހޯދުމަކީ ބޭނުންތެރިކަމެއްގެ ގޮތުގައި ޕެނަލިސްޓުން ފާހަގަކުރިއެވެ.

އިސްރަށްވެހިން ގެނެސްދެނީ ތަޖުރިބާގެ މުއްސަނދިކަމާއި، ތާރީޚީ މަޢުލޫމާތާއި، އަދި ކެތްތެރިކަންކަމުގައި މި ޕެނަލް ޑިސްކަޝަންގެ ބައިވެރިންވަނީ ފާހަގަކޮށްފައެވެ. އަދި މިއީ ސިޔާސަތުތައް އެކުލަވާލުމާއި، ޒުވާނުންނަށް މަގުދެއްކުމާއި، އަދި މުޖުތަމަޢުތައް ކުރިއަށް ގެންދިއުމުގައި އަގުނުކުރެވޭފަދަ ވަސީލަތްތައްކަމަށާއި ދުނިޔެ މިހާރު ބަދަލުވާން ޖެހެނީ އިސްރަށްވެހިންނަކީ އެހެން މީހުންގެ އެހީއަށް ބަރޯސާވާ ބަޔަކު ކަމުގައި ދެކުމުގެ ބަދަލުގައި، ހަރަކާތްތެރި ފަރާތްތަކެއްގެ ގޮތުގައި ދެކިގެން ކަމުގައިވެސް ބައިވެރިންވަނީ ވިދާޅުވެފައެވެ.

އިސްރަށްވެހިންގެ އުންމީދުތަކާއި ދުޅަހެޔޮކަމާ، އަދި ހައްޤުތައް ކަށަވަރުކުރުމަށް އެ ފަރާތްތައް ބާރުވެރިކުރުވުމުގެ މަސައްކަތަކީ ކަނޑައަޅާ ސިޔާސަތަކުން އެކަނި ނިންމާލެވެން އޮތް ކަމެއް ނޫންކަމަށާއި، އޭގެ ބަދަލުގައި މިއިން ކޮންމެ ސިޔާސަތަކަށް އަމަލީ ސިފަ ގެނެސް، މިކަންކަން ހާސިލްކުރުމަށް މުޅި މުޖުތަމައުގެ އެހީތެރިކަމާއި ބައިވެރިވުން މުހިންމުކަން މި ޕެނަލް ޑިސްކަޝަންއިން ވަނީ އެނގިގެން ގޮސްފައެވެ.