logo
banner image

ވަޒީރު ރާފިޢު، ޤައުމީ ޝޫޓިން މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައިފި

ގައުމީ ޝޫޓިން ޗެމްޕިއަންޝިޕް 2025ގެ އިނާމް ދިނުމުގެ ރަސްމިއްޔާތު ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ އާއި ކުޅިވަރު ވުޒާރާގެ އިސްވެރިންގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ޤައުމީ ޝޫޓިން މުބާރާތުގެ އެންމެ މޮޅު ޝޫޓަރުންނަށް އިނާމް ހަވާލްކޮށްދެއްވީ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

އެއަރ ރައިފަލްގެ އަންހެން އެންމެ މޮޅު ޝޫޓަރަކަށް ހޮވުނީ އައިޝަތު އީޝާ ޝަހީދުއެވެ. މިބައިގެ އެންމެ މޮޅު ފިރިހެން ޝޫޓަރަކަށް ހޮވުނީ އުމަރު މުޙައްމަދު ނަޝީދުއެވެ.

އެއައ ޕިސްޓަލް ބައިގެ އެންމެ މޮޅު ޝޫޓަރަކަށް މަރިޔަމް އީޝަލް މިސްބާހު ހޮވުނުއިރު، އެންމެ މޮޅު ފިރިހެން ޝޫޓަރަކަށް ހޮވުނީ ޒިޔާން ޒިޔާޢުއެވެ.

މިއަހަރުގެ މުބާރާތުގެ ޤައުމީ ނުވަ ރެކޯޑެއް ވަނީ ހަދާފައެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ 10 މީޓަރުގެ އެއަރ ރައިފަލް ބައިގައި ވާދަކޮށް އުއްމީދީ ޝޫޓަރު އައިޝަތު އީޝާ ޝާހިދު ހެދި ޤައުމީ ރެކޯޑެވެ. މި ރެކޯޑުގެ އިތުރުން ދެން މުބާރާތުގައި ހަދާފައިވަނީ ޖޫނިއާ ކެޓަގަރީތަކުގެ ރެކޯޑުތަކެވެ.

ސެޕްޓެމްބަރު އެކަކުން ތިރީހަށް ކުރިއަށްދިޔަ މި މުބާރާތުގައި މިއަހަރު ރެކޯޑު އަދަދެއްކަމަށްވާ 370 އެތުލީޓުން ވާދަކުރިއެވެ. މިއީ އާންމުންނަށް ހުޅުވާލައިގެން ޝޫޓިން އެސޯސިއޭޝަނުން ޤައުމީ މުބާރާތް ބޭއްވި ފުރަތަމަ ފަހަރުވެސްމެއެވެ.