ޅ. ނައިފަރު ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި އެމް.ޓީ.ސީ.ސީއާ ސޮއިކޮށްފި
ޅ. ނައިފަރު ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމް.ޓީ.ސީ.ސީ) އާއެކު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ސޮއިކޮށްފިއެވެ. މި މަޝްރޫޢަކީ ނައިފަރުގެ ތަރައްޤީއަށް ބޭނުންވާ ބިން އިތުރުކޮށް، ގޮނޑުދޮށް ރައްކާތެރިކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް އާއި ނައިފަރު ދާއިރާގެ މެންބަރު ޔާސީން ޢަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން ޅ. ނައިފަރުގައި 44.8 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ގޮނޑުދޮށް ޙިމާޔަތްކުރުމަށްޓަކައި 1813 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް، 803 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮށި އަދި 474 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިން ޖެހިގެންދާނެއެވެ. މި މަޝްރޫޢު ނިމުމުން، ނައިފަރުގެ ގޮނޑުދޮށް ރައްކާތެރިވެ، ރަށުގެ ތަރައްޤީއަށް ބޭނުންވާ ބިން އިތުރުވެގެންދާނެއެވެ.