ތ. ތިމަރަފުށި ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި އެމް.ޓީ.ސީ.ސީ އާއެކު ސޮއިކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ތ. ތިމަރަފުށި ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެކު ސޮއިކޮށްފިއެވެ. މި މަޝްރޫޢަކީ ތިމަރަފުށީގެ ރައްޔިތުންނަށް ދިގު މުއްދަތަށް ފައިދާކުރާނެ އަސާސީ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން އިސްކަންދެއްވާ ކަންކަމުގެ ތެރޭގައި ހިމެނޭ މަޝްރޫޢެކެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޙަސަން ރަޝީދުއެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީއެވެ.

ތިމަރަފުށީ ބަނދަރު އަޕްގްރޭޑްކުރުމުގެ މި މަޝްރޫޢުގެ ކޮންޓްރެކްޓް އަގަކީ 113,560,030.62 ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 540 ދުވަހެވެ.
މި މަޝްރޫޢުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ބަނދަރު އަދި ނެރު ފުންކުރުން ހިމެނެއެވެ. މީގެ އިތުރުން 644 މީޓަރުގެ އެލް-ބްލޮކްސް އެއްގަމުތޮށި ޖެހުމާއި، 92 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިން ޖެހުންވެސް ހިމެނެއެވެ. ބަނދަރުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމުގެ ގޮތުން 203.5 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮށި ޖަހައި، 14 މީޓަރުގެ ސަބްމާރޖް ބްރޭކްވޯޓަރ ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން 543 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖަހައި، 40mx6m ގެ ކޮންކްރީޓް ބްރިޖެއް އެޅޭނެއެވެ. ބަނދަރުގެ ޚިދުމަތްތައް ފުރިހަމަކުރުމުގެ ގޮތުން 12 މޫރިންގ ބޮއި ހަރުކުރުމާއި، 11mx11m ގެ ރޭމްޕް އެޅުންވެސް ހިމެނެއެވެ. އަދި ބަނދަރު ސަރަޙައްދު ރަނގަޅަށް ދިއްލާލުމަށް 22 މަގު ބައްތި ހަރުކޮށް، 2 ނެވިގޭޝަން ލައިޓު ހަރުކުރެވޭނެއެވެ. ފަސޭހައިން ހިނގާބިނގާވެ އުޅެވޭނެ ގޮތް ހެދުމަށް 3200 އަކަމީޓަރުގެ ޕޭވްމަންޓް އެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ސަބަބުން ތ. ތިމަރަފުށީގެ ރައްޔިތުންނަށް ބަނދަރުގެ ޚިދުމަތްތައް އިތުރަށް ފަހިވެ، ދަތުރުފަތުރުގެ ކަންކަމަށް ފަސޭހަވެ، އިޤްތިޞާދީ ގޮތުން ރަށަށް ކުރިއެރުން ލިބިގެންދާނެކަމަށް ބެލެވެއެވެ.