ބީއެމްއެލް އަލިފުށީ ބްރާންޗްގެ ބިންގާ މިނިސްޓަރ އާދަމް ޝަރީފު ޢުމަރު އަޅުއްވައިދެއްވައިފި
މާޅޮސްމަޑުލު އުތުރުބުރީ، އަލިފުށީގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ބޭންކް އޮފް މޯލްޑިވްސް ބްރާންޗްގެ ބިންގާ އިއްޔެ އަޅުއްވައިދެއްވައިފިއެވެ. މި ބްރާންޗުގެ ބިންގާ އަޅުއްވައި ދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރެވެ.
އަލިފުށީގައި އިއްޔެ އޮތް މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިންގެ އިތުރުން އަލިފުށީ ކައުންސިލުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ބީއެމްއެލް އަލިފުށީ ބްރާންޗްގެ ބިންގާއެޅުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ދެއްކެވިވާހަކަފުޅުގައި މިއީ އަލިފުއްޓަށް އިތުރު ކުރިއެރުމާއި ފާގަތިކަން ލިބިގެންދާނެ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވެސް ވާހަކަފުޅުދެއްކެވިއެވެ.
މާޅޮސްމަޑުލު އުތުރުބުރީގައި ބީއެމްއެލްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، އެ އަތޮޅުގެ 9 ރަށެއްގައި އޭޓީއެމް ޚިދުމަތް އިއްޔެ ވަނީ ފައްޓަވައިދެއްވައިފައެވެ. މިހާރު ރ. އަތޮޅުގެ ހުރިހައި ރަށަކުން ވެސް އޭޓީއެމްގެ ޚިދުމަތް ލިބޭނެއެވެ. މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ޤާއިމްކުރުމަށް ސަރުކާރާއި ބީއެމްއެލް ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.