logo
banner image

ބޭންކް އޮފް މޯލްޑިވްސް އޭޓީއެމްގެ ޚިދުމަތް އަނގޮޅިތީމުގައި ފަށައިފި

ބޭންކް އޮފް މޯލްޑިވްސް އޭޓީއެމްގެ ޚިދުމަތް މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމުގައި ފައްޓަވައި ދެއްވައިފިއެވެ. މި ޚިދުމަތް އަނގޮޅިތީމުގައި ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފް ޢުމަރެވެ.

އޭޓިއެމްގެ ޚިދުމަތް ފެށުމަށް މިއަދު އަނގޮޅިތީމުގައި ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިންނާއި، އެ ރަށު ކައުންސިލުގެ ރައީސާއި، ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފް ވަނީ އޭޓީއެމުން ފައިސާ ނަންގަވައިދެއްވުމަށްފަހު، ރަމްޒީ އޭޓީއެމް ކާޑެއް ރަށު ކައުންސިލާއި ހަވާލުކޮށްދެއްވާފައެވެ.

މާޅޮސްމަޑުލު އުތުރުބުރީގެ ރަށްތަކުގައި އޭޓީއެމް ޚިދުމަތް ފެށުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ބުރުގައި 9 ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު ރ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްވާނެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސްއާ ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ތެރެއިން މިހާތަނަށް 15 އަތޮޅެއްގައި މި ޚިދުމަތް ވަނީ ފަށާފައެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ބޭންކިންގ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.