ތ.އަތޮޅުގައި އާރް.ޓީ.އެލް.ގެ ޚިދުމަތް ރަސްމީކޮށް ފަށައިފި
ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމުގައި އިންގިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން ކުރިއަށް ގެންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް)ގެ ޚިދުމަތް، ތ.އަތޮޅުގައި ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ތ.އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގެ ތެރެއިންނެވެ.
އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް (އައި.އެން.ޕީ.އެފް.އެން)ގެ ދަށުން، ޒޯން 4 ގައި ހިމެނޭ ތ.އަތޮޅުގައި މި ޚިދުމަތް ފެށުމާއެކު، ރާއްޖޭގެ 12 އަތޮޅެއްގައި އާރް.ޓީ.އެލް. ފެރީގެ ޚިދުމަތް ދެވޭނެއެވެ. މިއީ ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިއްމު މަޝްރޫޢުއެކެވެ.
ތ.އަތޮޅުގެ ރައްޔިތުންނަށް މި ޚިދުމަތްތަކާ އަހުލުވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން، އޮކްޓޫބަރު މަހުގެ 02 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރުތައް ކުރިއަށް ގެންދެވޭނެއެވެ. އަހުލުވެރިކުރުމުގެ މި ދަތުރުތަކަށް ފަހު، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 04 ވަނަ ދުވަހުން ފެށިގެން އާރް.ޓީ.އެލް. ފެރީގެ ދަތުރުތައް ކުރިއަށް ގެންދާނީ ޓިކެޓް ވިއްކައިގެންނެވެ.
ޓިކެޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ކަސްޓަމަރުންނަށް 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 01 ވަނަ ދުވަހުން ފެށިގެން އާރް.ޓީ.އެލް.ގެ ވެބްސައިޓާއި މޯބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ޓިކެޓް ބައްލަވައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެވެ. މި މަޝްރޫޢުއަކީ މުޅި ރާއްޖެ 3 ފިޔަވައްސަކަށް ބަހާލައިގެން 6 ޒޯންއަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށް ގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫޢުއެކެވެ.
މި މަޝްރޫޢުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު ކުޑަ އަގެއްގައި، ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެގޮތް މަގުފަހިކުރުމާއި އިގްތިސާދީ އަދި އިޖްތިމާޢީ ގޮތުންވެސް ފައިދާހުރި ނިޒާމެއް ޤާއިމްކުރުމެވެ.