logo
banner image

ތ. ދިޔަމިގިލި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ތ. ދިޔަމިގިލި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެކު މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫޢަކީ ދިޔަމިގިލީގެ މަގުތައް ރަނގަޅުކޮށް، ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަތައް އިތުރުކުރުމަށް ފެށުނު މުހިންމު މަސައްކަތެކެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދުއެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ ރިޓަޔާރޑް އަހްމަދު ސައުދީއެވެ. 

މި މަޝްރޫޢުގެ ކޮންޓްރެކްޓް އަގަކީ 82,812,345.30 ރުފިޔާއެވެ. މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 570 ދުވަހެވެ. ދިޔަމިގިލީގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރުމަކީ ރަށުގެ ރައްޔިތުން ދިގު މުއްދަތެއްގައި އިންތިޒާރު ކުރަމުންދިޔަ ކަމެކެވެ. މި މަޝްރޫޢުގެ ސަބަބުން ދިޔަމިގިލީގެ ޢުމްރާނީ ތަރައްޤީއަށް އިތުރު ބާރެއް ލިބި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެކަމަށް ލަފާކުރެވެއެވެ. މަގުތައް ތަރައްޤީވުމުން ދިޔަމިގިލީގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ހުރި ގިނަ ދަތިތަކަކަށް ޙައްލެއް ލިބިގެންދާނެއެވެ.