logo
banner image

ތ. ދިޔަމިގިލި، މަޑިފުށި އަދި އުފުރިޔާ ގުޅުވާ ކޯޒްވޭ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ތ. ދިޔަމިގިލި، މަޑިފުށި އަދި އުފުރިޔާ ގުޅުވާ ކޯޒްވޭ މަޝްރޫޢުގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެކު ސޮއިކުރެވިއްޖެއެވެ. މި މަޝްރޫޢަކީ ތ. އަތޮޅުގެ ރަށްރަށުގެ ދެމެދުގައި ގުޅުވައިލައި، ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަތައް އިތުރުކުރުމަށް ސަރުކާރުން ހިންގާ ބޮޑު އަދި މުހިންމު މަޝްރޫޢެކެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޙަސަން ރަޝީދުއެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީއެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓް އަގަކީ 262,983,879.36 ރުފިޔާއެވެ. މަޝްރޫޢުގެ މަސައްކަތްތައް ނިންމުމަށް 1151 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ތ. ދިޔަމިގިއްޔާއި މެދަފުށި ދެމެދުގައިވާ ފަޅުން 3.9 ހެކްޓަރުގެ ބިން ހިއްކައި އެ ދެ ރަށް ގުޅުވާލުން ހިމެނެއެވެ. މީގެ އިތުރުން:

- 143.3 މީޓަރުގެ ކޯޒްވޭއަކުން މެދަފުށި އަދި މަތިދޫ ގުޅުވާލެވޭނެއެވެ.

- 978.2 މީޓަރުގެ ކޯޒްވޭއަކުން މަތިދޫ އާއި މަޑިފުށި ގުޅުވާލެވޭނެއެވެ.

- 200.6 މީޓަރުގެ ކޯޒްވޭއަކުން މަޑިފުށި އަދި އުފުރިޔާ ގުޅުވާލެވޭނެއެވެ.

މި މަޝްރޫޢު ނިމުމުން، ތ. އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ގޮތުން ގިނަ ފަސޭހަތަކެއް ލިބި، ސަރަޙައްދީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ލަފާކުރައްވައެވެ.