ތ. ކިނބިދޫގެ މަގުތައް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ތ. ކިނބިދޫގެ މަގުތައް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބޭއްވިއްޖެއެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. މި މުނާސަބަތުގައި ކިނބިދޫ ދާއިރާގެ މެންބަރު ޢަލީ އަޝްރަޤްއާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ތ. ކިނބިދޫގެ މަގުތައް ތަރައްޤީ ކުރުމަށްޓަކައި ކުރެވޭ މިމަޝްރޫޢުގެ ދަށުން، އެރަށުގެ އެތެރޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ވަނީ ރާވައިފައެވެ. މި މަސައްކަތަށް ޖުމްލަ 79,594,101.36 ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ. މި މަސައްކަތް ނިންމުމަށް 730 ދުވަހުގެ މުއްދަތެއް ވަނީ ކަނޑައަޅާފައެވެ. މި މަޝްރޫޢު ނިމުމުން ކިނބިދޫގެ ރައްޔިތުންނަށް ފަސޭހަ ދަތުރުފަތުރެއް ލިބި، ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
