ތ. މަޑިފުށީ އިޚްތިޞާޞްގައި ތ. ކޮޅުފުއްޓާއި، އުފުރިޔާ ހިމަނުއްވައިފިކަމުގެ ރަސްމީ ލިޔުން ހަވާލުކޮށްދެއްވައިފި
ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުން ލިބިވަޑައިގަންނަވައި ބާރުގެ ދަށުން، ތ. މަޑިފުށީ އިޚްތިޞާޞްގައި ތ. ކޮޅުފުއްޓާއި، އުފުރިޔާ ހިމަނުއްވައިފިކަމުގެ ރަސްމީ ލިޔުން މަޑިފުށީ ކައުންސިލްގެ ރައީސާ ހަވާލުކޮށްދެއްވައިފިއެވެ.
މެދުރާއްޖޭގެ 4 އަތޮޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރުކުރައްވަމުންދާ ދަތުރުފުޅުގައި ތ. މަޑިފުއްޓަށް ވަޑައިގެން މަޑިފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އިއްޔެ މަޑިފުށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، މި ލިޔުން މަޑިފުށީ ކައުންސިލްގެ ރައީސާ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރެވެ.
ޙަޤީޤީ މާނާގައި ކައުންސިލްތައް ބާރުވެރި ކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ތެރެއިން، ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު)ގެ 56 ވަނަ މާއްދާގެ 1 ގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން 2025/24 (18 ސެޕްޓެމްބަރ 2025) އިން ނިންމަވައިފައިވާ ނިންމެވުމެކެވެ.
ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަށް ސަރުކާރުން އަންނަނީ ބައެއް ފަޅުތަކާއި، ފަޅުރަށްރަށް ދެއްވަމުންނެވެ. މިއީ އެ ރަށްރަށުގެ ރައްޔިތުންނަށާއި، ކައުންސިލްތަކަށް އިޤްތިޞާދީ މަންފާތައް ހޯއްދަވައި ދެއްވުމަށް މުހިންމު ސިޔާސަތެއްގެ ދަށުން ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތެކެވެ.