ރަތްމަންދޫ ރައްޔިތުންގެ އިޙްސާސްތައް ނުހަނު ކެތްތެރިކަމާއި، މަޑުމައިތިރިކަމާއި، ސާބިތުކަމާއެކު ރައީސުލްޖުމްހޫރިއްޔާ އަޑުއައްސަވައިފި: މިނިސްޓަރ
މ. ރަތްމަންދުއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު، ފުރާވަޑައިގެންނެވުމަށް ލާންޗްކޮޅަށް އެރުއްވިފަހުން އެ ރަށުގެ ރައްޔިތުންގެ އުދާސްތައް ހުރި ގޮތް ފެނިވަޑައިގަތުމުން ލާންޗްކޮޅުން ފައިބައިވަޑައިގެން ރަތްމަންދޫ ރައްޔިތުންގެ އިޙްސާސްތައް ނުހަނު ކެތްތެރިކަމާ، މަޑުމައިތިރިކަމާ، ސާބިތުކަމާއެކު ރައީސުލްޖުމްހޫރިއްޔާ އަޑުއައްސަވައިފި ކަމަށް، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އާދަމް ޝަރީފު ޢުމަރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި މިނިސްޓަރ ވިދާޅުވެފައި ވަނީ މި ޙާދިސާހިނގީ ރަތްމަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށުގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ފަހު ބައްދަލުވުން ނިންމާލައްވާފައި، ފުރާވަޑައިގަތުމަށް ލާންޗްކޮޅަށް އެރުއްވުމަށް ފަހުގައި ކަމަށެވެ.
"ރައްޔިތުންގެ މި ފަދަ ހައްސާސް މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސާބިތުކޮށްދެއްވާފައިވަނީ ރައްޔިތުންގެ އިޙްސާސްތަކާއި، ރައްޔިތުންގެ ހުށަހެޅުންތައް އަޑުއައްސަވައި ވެރިއެއްކަން" މިނިސްޓަރ ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަތްމަންދޫއަށް ވަޑައިގެންނެވީ މެދުރާއްޖޭގެ 4 އަތޮޅަކަށް މިހާރުކުރައްވަމުންދާ ދަތުރުފުޅުގައި އިއްޔެގެ ވަގުތެއްގައެވެ.