logo
banner image

މ. މުލި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި އެމް.ޓީ.ސީ.ސީ.އާއެކު ސޮއިކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މ. މުލީގައި ބޭއްވުނު އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮއްދެއްވައިފިއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި މަޝްރޫއުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީއެވެ.

މ. މުލި ގޮނޑުދޮށް ހިމާޔަތްކުރުމަށް ފަށާ މި މަޝްރޫޢަށް ޖުމްލަ 35,719,747.20 ރުފިޔާ ޚަރަދުވާނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ. މަޝްރޫޢުގެ މަސައްކަތްތައް 250 ދުވަހުގެ ތެރޭގައި ނިންމާލުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ދަށުން މ. މުލި ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވޭނެއެވެ. އެގޮތުން، 363 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 60 މީޓަރުގެ ތިން ވައި-ގްރޮއިން ހިމެނޭގޮތަށް 180 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުން ހިމެނެއެވެ. މީގެ އިތުރުން 30 މީޓަރުގެ ދެ ގްރޮއިނާއި 35 މީޓަރުގެ ދެ ގްރޮއިން ހިމެނޭގޮތަށް 130 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމާއި، ރިވެޓްމަންޓް ބެކްފިލްކުރުމާއި، ގޮނޑުދޮށް ވެލިން މުއްސަނދިކުރުންވެސް މި މަޝްރޫޢުގައި ހިމެނެއެވެ.

މި މަޝްރޫޢުގެ މަސައްކަތް ނިމުމުން، މ. މުލީގެ ގިރާ ސަރަހައްދުތަކަށް ދިމާވެފައިވާ ގޮނޑުދޮށުގެ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ލިބި، ރަށުގެ ރައްޔިތުންނަށް ދިގު މުއްދަތަށް ފައިދާ ކުރާނެކަމަށް ބެލެވެއެވެ.