މުލަކަތޮޅު ވޭވަށު ކައުންސިލް އިދާރާގެ އައު ޢިމާރާތް، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވައިފި
ސަރުކާރުން އެލްޖީއާ ހަވާލުކޮށްގެން ޢިމާރާތްކުރި، މުލަކަތޮޅު ވޭވަށު ކައުންސިލް އިދާރާގެ އައު ޢިމާރާތް، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވައިފިއެވެ. މ. ވޭވަށު ކައުންސިލް އިދާރާގެ އައު ޢިމާރާތް ހުލުވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މެދުރާއްޖޭގެ 4 އަތޮޅަކަށް މިހާރުކުރައްވަމުންދާ ދަތުރުފުޅުގައި ވޭވަށަށް ވަޑައިގެން އެ ކަމަށް ޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރާއި، ދައުލަތުގެ އެހެނިހެން ބައެއް ވަޒީރުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ބައެއް މެންބަރުންނާއި، ވޭވަށު ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.
ވޭވަށު ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ މަސައްކަތަކީ، ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތައް އަލުން އެޅުމަށް އެލްޖީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢުގެ ތެރޭގައި ހިމެނޭ ކައުންސިލް އިދާރާއެކެވެ.
މި ސަަރުކާރުން އެލްޖީއޭ ޕްރޮޖެކްޓްގެ އިތުރުން، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން އާރުސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ 55 ކައުންސިލް މަޝްރޫޢާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 50 ކައުންސިލް ޢިމާރާތްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް، އާރުސީސީއާ ޙަވާލުކޮށްފައިވާ 55 ކައުންސިލްގެ ތެރޭން ބައެއް ރަށްތަކުގެ މަސައްކަތް ސަބްކޮންޓްރެކްޓަރުންނާ ހަވާލުކުރެވި މިހާރު ވަނީ ޢަމަލީ މަސައްކަތް ފެށިފައިވާ އިރު، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރާ ކައުންސިލްތަކުގެ ފީޒިބިލިޓީ ހެދުމުގެ މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ.